2015 ވަނަ އަހަރު ފިލްމީ ދާއިރާގެ ފުރަތަމަ ކައިވެނި – ސްޓެޕް އައްޔަ ކައިވެނި ކޮށްފި

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު، އަދި އާންމުންގެ ލޯބި ލިބިފައިވާ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކޯޑިނޭޓަރު އަލީ ޝާހިދު (ސްޓެޕް އައްޔަ) ތިން ވަނަ ކައިވެންޏެއްކޮށްފިއެވެ.
ސްޓެޕް އައްޔަ ކައިވެނިކޮށްފައިވަނީ ނ.ހޮޅުދޫ އައިމިނަތު ޒިޔާދާ އާއިއެވެ. ކައިވެނި ހަފްލާ އޮތީ ޒިޔާދާގެ އުފަން ރަށް ކަމަށްވާ ހޮޅުދޫގައިއެވެ. މިހަފްލާގައި ސްޓެޕް އައްޔަ އާއި ޒިޔާދާގެ އާއިލާގެ މެންބަރުންނާއި ހެޔޮ އެދޭ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
ސްޓެޕް އައްޔަ އާއި ޒިޔާދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
އީވަގުތަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ސްޓެޕް އައްޔަ ވިދާޅުވެފައިވަނީ ރަހްމަތްތެރިކަމުގެ ގޮތުން ޒިޔާދާ އާއި ވަރަށް ކުރިން ވެސް ގުޅުން އޮންނަ ކަމަށާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މަސްތަކެއްވެފައިވާއިރު ކައިވެނި ކުރަން ނިންމީ ދެމީހުން ވަރަށް ބޮޑަށް ވިސްނާފައި "އަންޑަސްޓޭންޑް" ވެގެން ކަމަށެވެ.
ސްޓެޕް އައްޔަ ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 17 އަހަރުވެއްޖެއެވެ. އޭނާ ދަނީ ކުރިއެކޭ އެއްގޮތަށް މިހާރު ވެސް އެކި އެކި ފަރާތްތަކަށް ނެށުމުގެ ހުނަރު ދަސްކޮށްދެމުންނެވެ. ކްރޮއެގްރަފީ ހަދައިދިނުމުގެ އިތުރުން ސްޓެޕް އައްޔަ ދަނީ ހިތާނުކޮށްގެން އުޅޭ ބައެއް ގެތަކަށް ގޮސް ޝޯ ވެސް ދެމުންނެވެ.
ސްޓެޕް އައްޔައަކީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ އިތުރުން ޕީޕީއެމްގެ އިލެކްޝަންސް ކޮމިޓީގެ މެންބަރެކެވެ. އަދި ޕާފޯމިންގ އާޓްސްގެ ބޯޑު މެންބަރެކެވެ.
އީވަގުތުން އެދެނީ ސްޓެޕް އައްޔަ އަށާއި ޒިޔާދާއަށް ބާއްޖަވެރި ހަޔާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ