ކެލިފޯނިޔާގައި ކުއްލި ހާލަތު އިއުލާންކޮށްފި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން އެތައް ލައްކަ ބަޔަކު ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެތައް މިލައަން ބަޔަކު ކަރަންޓު ނެތި

އެމެރިކާގެ ކެލިފޯނިޔާގެ ގިނަ ހިސާބުތަކެއްގައި ބޮޑެތި އަލިފާންގަނޑު ކޮންޓްރޯލްނުވެ އަނދަމުން  ދާތީ އެ ސްޓޭޓުގެ ގަވަރުނަރު ގެވިން ނިއުސަން ސްޓޭޓުގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާންކުރައްވައިފިއެވެ.
އުތުރު ކެލިފޯނިޔާގެ 1 ލައްކަ 80 ހާސް މީހުން ގެތައް ދޫކޮށް ދިއުމަށް އަންގާފައި ވާއިރު، ސަންޓާ ރޯސާ އަށް ދަތުރުކުރާ މަގު ވަނީ އުޅަނދުފަހަރުން ތޮއް ޖެހިފައެވެ. ސަންޓާ ރޯސާއަކީ މީގެ ދެ އަހަރު ކުރިން ރޯވި އަލިފާނުގައި ސުންނާފަތިވި ރަށެކެވެ.
ރަޝިޔަން ރިވާ ވެލީ ސަރަހައްދާއި، ބޮޑޭގާ ބޭ ސަރަހައްދުން 90 ހާސް މީހުން ގެދޮރު ދޫކޮށް ދިއުމަށް މިހާރު ވަނީ އަންގާފައެވެ.
ކެލިފޯނިޔާއަށް ކަރަންޓުގެ ޚިދުމަތްދޭ ކުންފުނި ޕެސިފިކް ގޭސް އެންޑް އިލެކްޓްރިކް ކޮމްޕެނީ (ޕީޖީ&އީ) އިން ވަނީ 2.8 މިލިއަން މީހުންނަށް ދެމުން އައި ކަރަންޓުގެ ޚިދުމަތް ކަނޑާލާފައެވެ. އެއީ، އަލިފާން ފެތުރުމުގެ ފުރުސަތު ނުދިނުމަށެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައި އެންމެ ގިނަ ގެއިން ކަރަންޓު ކެނޑި ފަހަރެވެ.
ބުދަ ދުވަހުގެ ރޭ ރޯވެ އަނދަން ފެށި އަލީފާނުގެ ތެރެއިން އަދި ނިއްވާލެވިފައި ވަނީ %10 ކަމަށް ވެއެވެ. ކެލިފޯނިޔާގެ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔާ ޕްރޮޓެކްޝަން އިން ބުނި ގޮތުގައި އަލިފާންގަނޑުތައް ވަނީ 120 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައެވެ.
އަލިފާން ހަލުވިކަމާއެކު ބޮޑު ސަރަހައްދަކަށް ފެތުރެމުން ދަނީ ކެލިފޯނިޔާ ސަރަހައްދަށް ޖެހޭ ގަދަ ވައިގެ ސަބަބުންނެވެ. ސަންޓާ ރޯސާގެ އުތުރުގައި އިއްޔެ ގަޑިއަކު 144 ކިލޯމީޓަރަށް ވައި ބާރުވެފައި ވާއިރު، ސަން ފްރާންސިސްކޯ އީސްޓްބޭ ގައި ގަޑިއަކު 80 ކިލޯމީޓަރަށް ވައި ޖެހިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ