ހިނގާ ވައްކަންތަކުން މިތިބީ ކުރީގެ ސަރުކާރަށް ލަދުން އެއްޗެއް ބުނަންނުކެރިފައި: މުސްތޮފާ

ފާޅުކަން ބޮޑު ގޮތަކަށް މިހާރު ހިންގާ ވައްކަންތަކުގެ ސަބަބުން ލަދުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އެއްޗެއް ބުނަން ނުކެރިފައި ހުންނެވި ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ފާޑު ވިދާޅުވެ މުސްތަފާ މިފަދަ މޭރުމަކުން ވާހަކަދެއްކެވީ، ބިޑް ކުރުމަކާއި ނުލައި، ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން، ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑަށް ދިން މައްސަލައިގައެވެ.
މުސްތަފާ މިރޭ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ފާޅުކަން ބޮޑު ގޮތެއްހައި މި ހިނގާ ވައްކަންތަކުގެ ސަބަބުން އޭނާ ހުންނެވީ ކުރީގެ ސަރުކާރަށް އެއްޗެއް ބުނަން ލަދުގަނެ، "މީސްމީޑިއާގައި ލަދުން ބޯ ވަތަށް ޖެހިފައި" ކަމަށެވެ.
އަދި ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭ ފޭސް ދޭއް ހިއްކަން ދިޔަ ހަރަދާއި މިސަރުކާރުން ގުޅީފަޅު ފޭސް ދޭއް ހިއްކަން ބޮސްކާލިސްއަށް ދިން ހަރަދު އަޅައިކިޔައި، ސަރުކާރަށް މުސްތަފާ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 240 ހެކްޓަރު ބިން ހިއްކުމަށާއި ރިވެޓްމެންޓް ޖެހުމަށް 52 މިލިއަން ޑޮލަރު ހަރަދުކުރީ އަމިއްލަ ޑްރެޖަރެއް ނެތި ކަމަށެވެ. ނަމަވެސް މިސަރުކާރުން ގުޅީފަޅުގެ 160 ހެކްޓަރު ހިއްކުމަށް 53 މިލިއަން ޑޮލަރަށް ހަވާލުކުރީ ރިވެޓްމެންޓާއި ނުލައި ކަމަށް މުސްތަފާ ވިދާޅުވިއެވެ. އޭސީސީ ޓެގްކޮށް މުސްތަފާ ކުރެއްވި ޓުވީޓުގައި ވަނީ ވަގުންތަކެއް އަރައި ދައުލަތް ހޭއަރުވާލަނީ ކަމަށް ވިދާޅުވެފައެވެ.
''ނޫސްވެރިންނަށް ވެސް ނާންގާ އެއްވެސް މީޑިއާއަކަށް ނާންގާ ބޮސްކާލިސް ސޮއިކުރީ އެއް ވަގު އަނެއް ވަގަށް ކައި މުޅި ގައުމު ހުސްކޮށްފި. ނެދަލޭންޑްގެ ސަރުކާރަށް އަންގަންވީ ބޮސްކާލިސްފަދަ ކުންފުނިތައް އައިސް މި ގައުމުގެ ކަޅުއެންތަކަށް ފައިސާދީ މުޅި ގައުމު ހަލާކުކޮށްފި ކަމަށް,'' މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ، ކޮރަޕްޝަނާ ވައްކަން އޮތީ ޒީރޯ ޓޮލަރެންސްގެ ދަށުން "ފީ ސަބީލިއްލާހި" ގޮވާލައިފަ ކަމަށެވެ. އަދި މި ސަރަހައްދުގައި ނެތްވަރުގެ ބޮޑު ޑްރެޖަރެއް ދިވެހި ދައުލަތުގެ ފައިސާއިން ގަނެ، އެ ޑްރެޖަރު މަސައްކަތް ކުރަމުން ދަނިކޮށް 53 މިލިއަން ޑޮލަރަށް ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްގެ ބޮސްކާލިސްއަށް، ސިއްރު ސިއްރުން ކޮންޓެކްޓް ހަވާލުކުރި މައްސަލަ ބަލައި ދިނުމަށް އޭސީސީއަށް މުސްތަފާ ގޮވާލެއްވިއެވެ.
އަދި ވަގުންނަށް ރައީސުލްޖުމްހުރިއްޔާ ފަތްކޮޅު އަރުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ސަރުކާރު އަތުޖެހުނީމައި، އެމްއެމްޕީއާރުސީއޭ ނުވަތަ ޒީރޯ ޓޮލަރެންސްއޭ ކިޔައި އިންސާފު ގާއިމް ކުރާނެ ކަމަށް ބުނެ ދެން ވާހަކަ ނުދެއްކުމަށް މުސްތަފާ ގޮވާލެއްވިއެވެ.
ބޮސްކާލިސް ވެސްޓްމިންސްޓާ ލިމިޓެޑަށް 53 މިލިއަން ޑޮލަރަށް، ގުޅިފަޅުގައި ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި، ހަތަރު ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ހަވާލުކުރީ 180 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރީ ބިޑް ނުކޮށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ގުޅީފަޅު ހިއްކަން ހަވާލުކުރީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ