ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ކުރާ މަސައްކަތްތަކުގެ ތަފްސީލް ހޯދަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
ސުލޫކީ ކޮމެޓީ އަށް ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސުލޫކީ ކޮމެޓީގައި މިހާރު ތިއްބެވި މެމްބަރުންގެ އަދަދާއި ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އިތުރުން މަސައްކަތްތަކަށް ދިމާވާ ދަތިތަކަކީ ކޮބައިކަން އޮޅުން ފިލުއްވަން ޕާޓީގެ ރައީސް ބޭނުންފުޅުވާ ކަމަށެވެ. އެހެންވެ އެ މައުލޫމާތުތައް އަންނަ އަންގާރަ ދުވަހުގެ ކުރިން ޕާޓީ އޮފީހަށް ފޮނުވައިދެއްވުމަށް އަލީމް ވަނީ އެދިވަޑައިގެންފަ އެވެ.
ސުލޫކީ ކޮމެޓީން މަސައްކަތް ކުރާ ގޮތުގެ ތަފްސީލް ހޯދަނީ އަލީމް ވިދާޅުވި ގޮތުގައި ޕާޓީ އިސްލާހުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ. ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރަން، އިސްލާހީ ޕްރޮގްރާމެއް އެކުލަވާލައި ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އަލީމް ވިދާޅުވީ ޕާޓީގެ ކޮމެޓީގެ ހާލަތު ދެނެގަނެ އެ ކޮމެޓީތަކަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބެލުމަކީ އިސްލާހީ އެޖެންޑާގެ ޓައިމްލައިނުގައި ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދޭތެރޭ އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުނުވެ ޕާޓީ ތެރޭގައި ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ޕާޓީ ދެ ބަޔަކަށް ބެހިފައިވާއިރު ސުލޫކީ ކޮމެޓީގެ ހިންގަނީ ރައީސް ޔާމީން ފެކްޝަނުން ބޭނުންވާ ގޮތަށް ކަމަށް މައުމޫން ފެކްޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ތުހުމަތުކުރަނީ، ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓެއްގައި ވިޕްލައިނާ ހިލާފުވެވަޑައިގެން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމުމަށް ފަހު، ވިޕްލައިނާ ހިލާފުވެވަޑައިގެން އެހެން މެމްބަރުންގެ މައްސަލަ ބަލައިދޭން ތަކުރާރުކޮށް ޕާޓީ އޮފީހުން އެދުމުން ވެސް ފިޔަވަޅު އަޅާފައި ނުވާތީ އެވެ.
ވިޕްލައިނާ ހިލާފުވެވަޑައިގަތް އެހެން މެމްބަރުންނާ މެދު ފިޔަވަޅު ނޭޅި ލަސްވަނީ މެމްބަރުން ރަށުން ބޭރުގައި ނޫޅުއްވާތީ ކޮމެޓީ ނުބޭއްވިގެން ކަމަށް ސުލޫކީ ކޮމެޓީގެ މުގައްރިރު، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް ސުލޫކީ ކޮމެޓީގެ މަސައްކަތްތަކުގެ ތަފްސީލް ދޭން މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ