ސިމާދު މަރުވީ ވަގުން ހިފަން ޖެހި ކަރަންޓު ދަންތުރައެއްގައި ޖެހި: އާންމުން

ގއ. ވިލިނގިލީން މަރުވެފައި އޮއްވާ ފެނުނު ހުސެއިން ސިމާދު މަރުވީ އެހަރުގޭގައި ވަގުން ހިފަން ހަދާފައިހުރި ދަންތުރައެއްގައި ޖެހިގެން ކަމަށް ވިލިނގިލީގެ ބައެއް ރައްޔިތުން ބުނަމުން އެބަދެއެވެ.
އިއްޔެ ހެނދުނު ވިލިނގިލީގެ އުތުރުކޮޅުގައި ހުރި ހަރުގެއެއްގެ ކުރިމަތީގައި ސ. ހިތަދު ހިޔާލީގެ އުމުރުން 39 އަހަރު ސިމާދު މަރުވެފައި އޮއްވާ ފެނިފައިވަނީ އެހަރުގެ ބެލެހެއްޓުމާއި ހަވާލުވެ ހުރި މީހާއަށެވެ. ގިނަ ބަޔަކު ސިމާދު އޮތީ މާރާލާފައިވާ ކަމަށް ތުހުމަތު ކުރަމުން އަންނައިރު އެކަމާއި ގުޅިގެން ތަފާތު އެކި އަޑުތަކެއް މިވަނީ ރަށު ތެރޭގައި ފެތުރެން ފަށާފައެވެ.
ސީއެންއެމް އާ ވާހަކަ ދައްކަމުން އެރަށު މީހަކު ބުނީ އެހަރުގެ އަކީ އާންމު ގޮތެއްގައި ވައްކައް ކޮން އުޅޭ ތަނެއް ކަމަށެވެ. އެގޮތުން ވަގުން އަތުލަން އެތަނުގެ ދޮރުމަތީގައި ކަރަންޓު ދަންތުރައެއް ހަދާފައިވާ ކަމަށާއި ސިމާދު މަރުވީ އެހަރުގެއަށް ވައްކަން ކުރަން ވަންނަން އުޅުމުގެ ތަރޭގައި ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.
ސިމާދު މަރުވެފައި އޮތް ހަރުގެއަކީ އާންމުގޮތެއްގައި އެރަށު މީހުން މޫދަށް ގޮސް ހަދާއި ސަރަހައްދު ކަމަށާއި އެހެންކަމުން އެފަދަ ތަނެއްގައި ދަގަނޑު ދަންތުރައް ބަހައްޓާފައި ހުރީތީ ވެސް އެމީހާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އެއީ އާންމުކޮށް މީހުން މޫދަށް ގޮސް އުޅޭ ސަރަހައްދު. އެހާ މީހުން ދާތަނެއްގަ އެކަހަލަ އެއްޗެއް ބަހައްޓާފަ ހުރުމަކީ ކޮންމެ މީހަކަށް ވެސް އަނިޔާއެއް ލިބިދާނެ ކަމެއް." ވަގުން ހިފަން ހަދާފައި ހުރި ދަގަނޑު ދަންތުރައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ރަށު މީހަކު ބުންޏެވެ.
ސިމާދު މަރުވެފައި އޮތްއިރު އޭނާގެ ހަށިގަނޑުގައި ފިހިފައި ހުރި ނިޝާންތަކެއް ހުއްޓެވެ. ސިމާދުގެ މަރާއި ގުޅިގެން އެ އާއިލާއިން ވަނީ އޭނާ މަރާލާފައި ވަނީ ކަރުގައި އެއްޗެއް އައްސައިގެން ކަމަށް ތުހުމަތު ކޮށްފައެވެ. އެކަމަކު ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ކަރުގައި އެއްޗެއް އައްސައިގެން މަރާލި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އައްޑޫއަށް ނިސްބަތްވާ ސިމާދު ވިލިނގިލީގައި ދިރިއުޅެމުން އައީ އެރަށު މީހަކާއި އިނދެގެންނެވެ. ވިލިގިނލީގައި ހިނގާ ބޮޑެތި ވައްކަމުގައި ސިމާދުގެ ނަން ހިމެނޭއިރު ދާދިފަހުން ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗު ފަޅާލާއި 14 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި އޭނާގެ ހިމެނޭ ކަމަށް އެރަށުން ސީއެންއެމްއަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސިމާދުގެ ހަށިގަނޑު ރޭގެ ވަގުތެއްގައި އޭނާގެ އުފަން ރަށް ހިތަދޫއަށް ވަނީ ގެންގޮސްފައެވެ. އަދި އެމައްސަލަ މިހާރު ތަހުގީގުކުރަމުންދާތީ އެކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ