ވޯލްޑް ކަޕް ކާމިޔާބުކަމާ އެކު ކުރިއަށްދިޔައީ ޓްރަމްޕްގެ އެހީ ލިބުމުން: އިންފަންޓީނޯ

ނިއު ޔޯކް، ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 18) - އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މި ފަހަރު ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕް ކާމިިޔާބުކަމާ އެކު ކުރިއަށްދިޔަ އެންމެ ބޮޑު ސަބަބަކީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އެހީތެރިކަން ލިބިގެންދިއުން ކަމަށް ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. 
މުޅިން އަލަށް 48 ގައުމުގެ މެދުގައި ވޯލްޑް ކަޕް ކުޅުނުއިރު، މިއީ ތިން ގައުމެއް ގުޅިގެން މުބާރާތް ހޯސްޓްކުރި ފުރަތަމަ ފަަހަރެވެ. ވޯލްޑް ކަޕްގެ 102 މެޗެއް މިހާތަނަށް ނިމިފައިވާއިރު، ބާކީ އޮތީ މިރޭ ކުޅޭ ތިން ވަނަ ހޮވާ މެޗާއި މާދަމާރޭ ކުޅޭ ފަައިނަލް މެޗެވެ. 
ފަހު މެޗުތަކުގެ ކުރިން، ވޯލްޑް ކަޕާ ގުޅޭގޮތުން، ވާހަކަ ދެއްކުމަށްޓަކައި، ޓްރަމްޕް ޓަވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އިންފަންޓީނޯ ވިދާޅުވީ، މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުވުމުގެ އަސްލަކީ، އެމެރިކާ އިން ދިން އެހީތެރިކަމާއި ރައީސް ޓްރަމްޕްގެ ލީޑަޝިޕްގެ ސަޕޯޓް ކަމަށެވެ. 
އިންފަންޓީނޯ ވިދާޅުވީ، އެންމެ ފުރަތަމަ 2018 ވަނަ އަހަރު ޓްރަމްޕާ ބައްދަލުވިއިރު ވެސް އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ލިބިގެންދިޔަ ކަމަށެވެ. އަދި، ވޯލްޑް ކަޕާ ގުޅޭގޮތުން، ކަނޑައަޅާފައިވާ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްކުރެވުމަކީ، އެކަމުގެ ޝުކުރު ޓްރަމްޕަށް އަދާކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި، އިންފަންޓީނޯ ވިދާޅުވި އެވެ. 
"ފުލް ސްޓޭޑިއަމެއް ފެނިގެންދިޔައީ، ދަނޑުތަކަށް ހަތް މިލިއަން މީހުން ވަން. އޭގެ އިތުރުން 10 ނޫނީ އެތައް މިލިއަން މީހުންނެއް އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ހަރަކާތްތެރިވި. ބިލިއަނެއްހާ މީހުން ޓީވީން މުބާރާތް ބެލި، އެންމެނަށް ވެސް ލިބުނީ އުފަލާއި ހިތްހަމަޖެހުން،" އިންފަންޓީނޯ ވިދާޅުވި އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕް ބަލަން ދިއުމަށްޓަކައި، ސަޕޯޓަރުންނަށް އުނދަގޫ ކަންތައްތަކެއް ތަޖުރިބާކުރަން ޖެހުނުއިރު، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގެ ވިސާ ހަމަަނުޖެހިގެން ގިނަ ގަައުމުތަކެއްގެ ސަޕޯޓަރުންނަށް މެޗު ބަލަން ދެވޭ ގޮތެއްނުވި އެވެ. އެ ގޮތުން، އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން އެ ގައުމަށް މީހުން އެތެރެވުން މަނާކުރާ ލިސްޓެއް މިދިޔަ އަހަރު އާންމުކުރިއިރު، އެ ލިިސްޓުގައި ހިމެނޭ ގައުމުތަކުގެ ސަޕޯޓަރުންނަށް މެޗުތައް ބަލަން ނުދެވުނެވެ.
އަނެއްކޮޅުން، ފެބްރުއަރީ މަހު އިރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން، މި ފަަހަރުގެ ވޯލްޑް ކަޕްގައި އިރާން ކުޅެން އޮތް މެޗުތައް އެމެރިކާގައި ކުރިއަށްދިޔަ ނަމަވެސް، އިރާން ޓީމު މެކްސިކޯގައި ކޭމްޕް ކުރަން ޖައްސައި، ކޮންމެ މެޗު ދުވަހެއްގައި އިރާން ޓީމު އެމެރިކާ އަށް ގެނެސް، މެޗު ނިމޭތާ މާ ލަސްތަކެއް ނުވެ، އަނބުރާ މެކްސިކޯ އަށް ފޮނުވާލައި، ގިނަ އުނދަގޫތަކެއް ވަނީ ޖައްސައިފަ އެވެ. 
މީގެ އިތުރުން، އެމެރިކާ ޓީމުގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް ގަދަ 32 ޓީމުގެ ބުރުގެ މެޗުގައި ދެއްކި ރަތް ކާޑު ރިވިއު ކުރަން، ޓްރަމްޕްގެ ފޯނު ކޯލަކުން، އިންފަންޓީނޯ އަށް ލަފާދިނުމުން، އޭނާ އަށް ޖެހިގެން އައި މެޗު ކުޅެވުނެވެ. އެއާ އެކު، އެކަން އެ ހިނގި ގޮތާ މެދު ގިނަ ފުޓްބޯޅަ ސަޕޯޓަރުންނާއި ކޯޗުން އަދި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި އެކި ބައްރުތަކުގެ ފެޑެރޭޝަންތަކުން ވަނީ ސިޔާސީ ނުފޫޒު ފުޓްބޯޅައަށް ފޯރާފައި އޮތް މިންވަރާ މެދު ނުރުހުން ފާޅުކޮށްފަ އެެވެ. 
މީގެއިން އެއްވެސް ކަމަކަށް ރިއާޔަތްކުރުމެއް ނެތި، އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕްގެ މި މަސައްކަތުގެ ތެރޭގައި ޓްރަމްޕްގެ ލީޑަޝިޕުން ފީފާއާ  ގުޅިގެން ދުނިޔެ އަށް މަރުހަބާ ކީ ކަމަށެވެ. އަދި، ފީފާ އިން 120 އަހަރު ދުވަހު ދުނިޔެ އެއްބައިވަންތަ ކުރުމާއި ފުޓްބޯޅައިން އުފަލާއި ހިތްހަމަޖެހުން ގެނެސްދޭން ކުރި މަސައްކަތުގައި އެެމެރިކާ ފެނުނީ ރަނގަޅު މަސައްކަތްތަކެއްކުރިތަން ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ. 
އިންފަންޓީނޯ ވިދާޅުވީ، މީގެއިން އެއްވެސް ކަމެއް ޓްރަމްޕްގެ އެހީތެރިކަން ނުލިބި ކުރިއަށްނުދާނެ ކަމަށެވެ.
"މިހެން މި ބުނަނީ ހަގީގަތް ވީމަ. މީހުންގެ ތައުރީފު މިކަމުގައި ލިބެން ނުޖެހޭ. މި ވޯލްޑް ކަޕް މިހާ ކާމިޔާބުކޮށް، ޕްރެޒިޑެންޓް (ޓްރަމްޕް)ގެ އެހީއާ ނުލައި ނުދާނެ ކުރިއަށް. މި ވޯލްޑް ކަޕްގެ ކާމިޔާބީ މި ވަނީ މީގެ ކުރިން އެއްވެސް ބަަޔަކަށް ތަޖުރިބާ ކުރެވިފައި ނުވާ ފަދަ ކަމަކަށް،" އިންފަންޓީނޯ ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ، މި ވޯލްޑް ކަޕް ވެގެން މިދިޔައީ، މިހާތަނަށް ދުނިޔޭގެ ތާރީހުގައި ވެސް ބޭއްވިގެންދިޔަ އެންމެ ކާމިޔާބު އެއް ވޯލްޑް ކަޕްގެ އިތުރުން، އެންމެ ގިނަ ބަޔެއްގެ ޝާމިލުވުން ބޮޑު ހަރަކާތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ