އޮސްކާ ހާސިލްކުރި ބްރެންޑާ ފްރިކާ އުމުރުން 81 އަހަރުގައި ނިޔާވެއްޖެ

އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އަޔަލޭންޑުގެ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81 އަހަރުގައި ނިޔާވެއްޖެ އެވެ.
އޭނާއަކީ 1989 ވަނަ އަހަރު ނުކުތް ފިލްމު މައި ލެފްޓް ފުޓް އިން ދެއްކި މޮޅު ހުނަރާއެކު ދުނިޔޭގެ ސަމާލުކަން ހޯދި އަދި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ހޯމް އެލޯން 2 އާއި ކެޝުއަލްޓީ ފަދަ އުފެއްދުންތަކުން ފެނިގެންދިޔަ ފަންނާނެކެވެ.
ފްރިކާ އޮސްކާ އެވޯޑް ހާސިލްކުރީ 1990 ވަނަ އަހަރު އެވެ. މައި ލެފްޓް ފުޓް ފިލްމުގައި ޑެނިއަލް ޑޭ ލޫވިސްގެ މަންމަގެ ރޯލުން ފެނިގެންދިޔަ ފްރިކާއަށް ލިބުނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑެވެ. މީގެ އިތުރުން އޭނާއަކީ ބީބީސީގެ މަޝްހޫރު ސިލްސިލާ ކެޝުއަލްޓީގައި 1986 އިން ފެށިގެން ނަރުސް މޭގަން ރޯޗްގެ ރޯލު އަދާކުރި ބަތަލާއެވެ. އަދި 1992 ވަނަ އަހަރު ނުކުތް ހޯމް އެލޯން 2 ފިލްމުގައި ސެންޓްރަލް ޕާކުގައި ކޮތަރުތަކަށް ކާންދޭން އިންނަ އަންހެން މީހާގެ ރޯލަކީވެސް ގިނަ ބަޔަކު އަދިވެސް ހަނދާން ހުންނަ ރޯލެކެވެ.
އޭނާގެ އޭޖެންޓް ފިލް ބެލްފީލްޑް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްރިކާ ފަދަ ދެވަނަ ފަންނާނެއް ދެން ނުފެންނާނެ ކަމަށާއި އޭނާ ނެތުމަކީ މުޅި ދުނިޔެއަށް ލިބުނު އުނިކަމެއް ކަމަށެވެ. ފްރިކާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ޝަރަފެއް ކަމަށާއި އޭނާގެ ހަނދާންތައް ފިލްމީ ދާއިރާގެ ފޭނުންގެ ހިތްތަކުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ކެޝުއަލްޓީގައި އޭނާއާއެކު މަސައްކަތް ކުރި އެކްޓަރު ޑެރެކް ތޮމްޕްސަން ބުނި ގޮތުގައި ފްރިކާއަކީ އޭނާގެ މުޅި ކެރިއަރުގައިވެސް ދިމާވި އެންމެ މޮޅު އެކްޓަރެވެ. އަދި އެ ސިލްސިލާގައި މަސައްކަތް ކުރި ކެތީ ޝިޕްޓަން ބުނީ ފްރިކާއަކީ އޭނާއަށް ދިމާވި އެންމެ އިޚްލާޞްތެރި އަދި ހިތްވަރުގަދަ އެކަކު ކަމަށެވެ. އޭނާގެ ތޫނުފިލިކަމާއި މަޖާ މިޒާޖުގެ ސަބަބުން އެންމެންގެ ލޯބި ލިބިފައިވާ ކަމަށްވެސް ކެތީ ފާހަގަކުރި އެވެ.
ޑަބްލިންއަށް އުފަން ފްރިކާގެ ފަންނީ ހަޔާތް ފެށުނީ 1960 ގެ އަހަރުތަކުގައި ތިއޭޓަރުތަކާއި ޓީވީ ޑްރާމާތަކުންނެވެ. އޭނާއަކީ އަޔަލޭންޑުގެ ތާރީހުގައިވެސް އޮސްކާ އެވޯޑެއް ހާސިލްކުރި ފުރަތަމަ އަންހެން ބަތަލާއެވެ. އޭނާ އެ އެވޯޑް ކާމިޔާބުކުރީ ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޖޫލިއާ ރޮބަޓްސް ފަދަ ފަންނާނުންނާ ވާދަކޮށްގެންނެވެ.
އޮސްކާ އެވޯޑް ލިބުމަކީ ބޮޑު ކާމިޔާބީއެއް ނަމަވެސް ފަހުން ދިން އިންޓަވިއުއެއްގައި ފްރިކާ ބުނެފައިވަނީ އެ އެވޯޑުގެ ސަބަބުން އޭނާގެ ކެރިއަރަށް ބައެއް ހުރަސްތައް ކުރިމަތިވި ކަމަށެވެ. އެގޮތުން ވަކި ކަހަލަ ރޯލުތަކަކަށް އޭނާ މަޝްހޫރުވުމުން އެހެން ފުރުސަތުތައް ގެއްލިގެން ދިޔަ ކަމަށް އޭނާ ފާހަގަކުރި އެވެ.
އަޔަލޭންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ސައިމަން ހެރިސް ވަނީ ފްރިކާގެ ނިޔާވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ފްރިކާއަކީ ގައުމީ ހަޒާނާއެއް ކަމަށާއި އޭނާގެ ހުނަރުން އަޔަލޭންޑުގެ ވާހަކަތައް މުޅި ދުނިޔެއަށް އިއްވައިދީފައިވާ ކަމަށެވެ. އަދި އެމެރިކާއިން އަޔަލޭންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް ވަނީ ފްރިކާއަކީ އަޔަލޭންޑުގެ ފިލްމީ ދާއިރާގެ ބަޠަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ފްރިކާގެ އަމިއްލަ ދިރިއުޅުމަކީ ވަރަށް ގިނަ ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހުނު ދިރިއުޅުމެކެވެ. އޭނާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތުގައި ކުޑައިރު ލިބުނު އަނިޔާތަކާއި ޒުވާން އުމުރުގައި ކުރިމަތިވި ޖިންސީ ގޯނާތަކުގެ ވާހަކަ ހިއްސާކޮށްފައިވެ އެވެ. ނަމަވެސް އެ ހުރިހާ ކަމަކާއެކުވެސް އޭނާ ދުނިޔެއަށް ދެއްކީ ހިތްވަރުގަދަ ނަމޫނާއެކެވެ. ފްރިކާ މަރުވިއިރު އޭނާ ވަނީ ފިލްމީ ދާއިރާއަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ