އިހްތިރާމް ކުރުމުގައި ވަކި ދީނެއްގެ ބަޔަކު އިސްތިސްނާ ކޮށްގެން ނުވާނެ: މައުމޫނު

މުސްލިމުންނަކީ ކޮންމެ ދީނެއްގެ ބަޔަކަށް ވެސް އިހުތިރާމްކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި މުސްލިމުން އެހެން މީހުންނަށް އިހްތިރާމް ކުރުމުގައި ވަކި ދީނެއްގެ ބަޔަކު އިސްތިސްނާ ކޮށްގެން ނުވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ރަމަލާން މަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ވޭއްވި ޖަލްސާގައި ދެއްވި ދަރުސްގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ރަމަލާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވި މައްސަރު ކަމުގައެވެ. އަދި ޤުރުއާން ބާއްވާލެއްވުމުގެ މައިގަނޑު އެއް މަގްސަދަކީ އިންސާނުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމާއި ސުލްހަވެރިކޮށް އުޅުމަށް ގޮވައިލުން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ އިންސާނުންގެ ނަސްލާއި ކުލައާއި ދީނަށް ނުވަތަ ގައުމަށް ބެލުމެއް ނެތި އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމުގައެވެ. އަދި އެކަން ކީރިތި ރަސޫލާގެ ސުންތުން ސާބިތުވާކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އެއްވެސް އިސްތިސްނާއެއް ނެތި އިންސާނުންގެ މެދުގައި ހަމަޖެހުން ގާއިމްކުރުމަށާއި އެއްވެސް ދީނެއްގެ ބަޔަކު އިސްތިސްނާ ނުކޮށް އެއްބަޔަކު އަނެއްބަކަޔަށް އިހްތިރާމް ކުރުމަށް ކީރިތި ޤުރުއާން ބާރުއަޅާކަމަށް ރައީސް މައުމޫނު މިރޭ ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ކީރިތި ރަސޫލާއަށް ގޯނާކުރި ޔަހޫދީން އަންހެނަކު ބަލިވުމުން އޭނާއަށް ރަސޫލާ ޒިޔާރަތް ކުރައްވާ ކަންކުރެއްވީ ވަރަށް އިހްތިރާމާއި ރަހުމާއި އަދި އިންސާނިއްޔަތުކަމާއި އެކުގައި ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ