ބޭނުންވަނީ ތަރައްޤީ، އެއީ އިމާރާތްތަކެއް އެޅުމެއް ނޫން – މައުމޫން

ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށާއި ނަމަވެސް އެއީ ބަނދަރުތައް ފުން ކުރުން ނުވަތަ އިމާރާތްތަކެއް އެޅުން ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ބައްދަލު ކުރެއްވުމަށް ފަހު ދެންމެ ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ "ރައްޔިތުން ބޭނުންވަނީ ތަރައްޤީ. ނަމަވެސް އެއީ ބަނދަރުތައް ފުން ކުރުން ނުވަތަ އިމާރާތްތަކެއް އެޅުން އެކަންޏެއް ނޫން. ރައްޔިތުން ބޭނުން ވަނީ އިންސާނީ ވަންތަ ތަރައްޤީ. ތަފާތު ކުރުމެއް ނެތި ކަންތައްތައް ވެގެން ދިއުން." ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ފިކުރުގެ ސަބަބުން ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށާއި ކޮންމެ މީހަކަށް ވެސް ބޭނުންވާ ޚިޔާލެއް ފާޅުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ. "އެއީ ޤާނޫނު އަސާސީ އިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ޙައްޤެއް." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ދިވެހިން ބޭނުން ވަނީ އިންސާފުވެރިކަމާއި ހަމަހަމަކާއި އެކު އަދުލުވެރިކޮށް ކަންތައްތައް ކުރަން ކަމަށެވެ.
ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް އިބޫ އާއި ބައްދަލު ކުރެއްވުމަށް ފަހު މައުމޫން ވިދާޅުވީ އިބޫ ހުންނެވީ ވަރަށް ހަރުދަނާކޮށް ކަމަށާއި އިބޫ ވިދާޅުވި ގޮތައް ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ހަރުދަނާ ގޮތެއްގައި ހުންނެވީ. ހަމައާއި އިންސާފުން އަދުލްވެރިކަމާއި އެކު ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި. ކޯލިޝަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި. އުއްމީދަކީ އެވިދާޅުވި ގޮތައް ކަންތައްތައް ކުރެއްވުން." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އިބޫ ފާއިތުވި 25 އަހަރު ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރުވެސް އިބޫގެ ކިބައިން އެއްވެސް އުނި ސިފައެއް ފެނިފައި ނުވާ ކަމަށެވެ.
"އެއްވެސް އުނިސިފައެއް ފެނިފައެއް ނުވޭ. ވަރަށް ގާބިލް އަމާނާތްތެރި ނަޒާހަތްތެރި ބޭފުޅެއް." މައުމޫން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި ގުޅިގެން ޕީޕީއެމް އިން ދައްކަމުން ގެންދާ ވާހަކަތަކަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ވަރަށް ރީތިކޮށް މިކަން ކުރިއަށް ގެންދަވަން ހުރިހާ ފަރާތްތަކަށް ވެސް ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ