ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ވަފާތެރިކަމާއި އިހްލާސްތެރިކަމާއި އެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ރޭ އިންތިހާބުވެ ވަޑައިގެން މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަޖިލީސްކުރާ ގޭގައި ރޭ ނެގުނު ސިއްރު ވޯޓް ކާމިޔާބު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ އެބޭފުޅާ ހުންނަވާނީ ގައުމާއި ދައުލަތަށް ވަފާތެރިކަމާއި އެކުގައި ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމްދީނަށް އިހްލާސްތެރިކަމާއި އެކުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ގާސިމް މަޖިލީހުގައި މަސައްކަތްޕުޅުކުރައްވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް އެއްބާރުލުންދީގެން ވަފާތެރިކަމާއި ތެދުވެރިކަމާއިއެކު ކަމަށް ގާސިމް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސްގެ މަޤާމު ލިބިވަޑައިގެންނެވުމުން ގާސިމްވަނީ މަޖިލީހުގެ މެމްބަރުންނަށާއި އިދިކޮޅު ކޯލިޝަންގެ ލީޑަރުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ. މަޖިލިސްގެ ރައީސްގެ މަގާމަށް ގާސިމް އިންތިހާބު ކޮށްފައިވަނީ މަޖިލިސްގެ ރައީސްގެ މަޤާމަށް މެމްބަރަކު އިންތިހާބު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓަކުންނެވެ. ގާސިމާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވާދަކުރެއްވާފައިވާއިރު ގާސިމް ވޯޓު ކާމިޔާބުކުރައްވާފައިވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ.
މަސްއޫލިއްޔަތު އަދާކުރާނީ ވަފާތެރިކަމާއި އިހްލާސްތެރިކަމާއި އެކު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ