އަހަރު ދުވަސް ފަހުން ގާސިމް އިބްރާހީމް ސްކޫލަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރެވެ. ކްރިމިނަލް ކޯޓުން އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޣައިރު ހާޒިރުގައި އެހުކުމް އިއްވީ އެމަނިކުފާނު އާލާސްކަންފުޅާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ހިންގި ތަހުގީގާއި ޝަރީއަތުގެ މަރުހަލާގެ ކުރިންވެސް އެމަނިކުފާނު އުޅުއްވީ އާލާސްކަންފުޅާއެވެ. އަދި އެތައް ދުވަހެއް ވަންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން އެމަނިކުފާނުގެ އާލާސްކަންފުޅު އިތުރަށް ބޮޑުވެގެންދިޔައެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދެމުންދިޔަ ނަމަވެސް އެތައް ދުވަހެއް ވަންދެން ބޭސްފަރުވާއިން މަހުރޫމްވާން ޖެހުނީ ސަރުކާރުން އެކަމަށް ހުރަސްއެޅުމުންނެވެ. އާލާސްކަންފުޅު މާބޮޑަށް ގޯސްވުމުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓަށް ވެސް ވަޑައިގަތެވެ. އޭރު އެމަނިކުފާނުގެ މައްޗަށް އެއްވެސް ކޯޓަކުން ހުކުމެއް އިއްވާފައި ނުވި ނަމަވެސް ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރީއެވެ.
ގާސިމް އިބްރާހީމް އާންމު ތަނެއްގައި ޓީވީތަކުން ވަގުތުން ދައްކަމުންދިޔަ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ އުފުލައި ހިންގި ޝަރީއަތުގެ މަޖިލީސްތަކުގައި ފަނޑިޔާރުންގެ ކުރިފުޅުމަތީވެސް ބޭސްފަރުވާއަށް އެދިވަޑައިގެން އެތައް އާދޭހެއް ކުރެއްވިއެވެ. ނަމަވެސް ދައުލަތުން އެފުރުސަތު ނުދީ އޮތުމަށްފަހު އެންމެ ފަހުން ކްރިމިނަލް ކޯޓުން އިއްވި ހުމުގައި ވަނީ އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރު ކޮށްފައެވެ. ނަމަވެސް އެއަމުރަށް ވެސް ސަރުކާރުން ތަބާނުވެ އެތައް ދުވަހެއް ވަންދެން އެމަނިކުފާނު ނުފޮނުވައި ހިފެހެއްޓިއެވެ. އެތައް ރައްޔިތަކަށް ބޭސްފަރުވާ ހޯދައިދިނުމުގައި މަދަދުގާރަކަށްވި ގާސިމް އިބްރާހީމް ބޭސްފަރުވާއަށް އެންމެ ބޭނުންފުޅުވި ހިނދު އެކަމުން އެމަނިކުފާނު މަހުރޫމް ކުރުމުން އެތައް އާންމު ރައްޔިތަކާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްއިއްޔާތަކުގެ ގޮވާލުމާއެކު، ސަރުކާރަށް ގޮތްހުސްވެ އެންމެ ފަހުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދިނެވެ.
ސަރުކާރުން ދިން ހުއްދައާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ވަޑައިގަތީ ސިންގަޕޫރަށެވެ. އޭގެ ފަހުން ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް ވަޑައިގެން މިހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުންނެވީ އެގައުމުގައެވެ.
ކުރިމަތިވެވަޑައިގެންފައިވާ މަޖުބޫރީ ހާލަތުގެ ސަބަބުން އެނބުރި ގައުމަށް ވަޑައިނުގެން އަހަރު ދުވަސް ހުންނެވުމަށްފަހު މިމަހުގެ 4 ވަނަ ދުވަހު މެންދުރުފަހު ގާސިމް އިބްރާހީމް ގައުމަށް ވަޑައިގަތީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށް ހައިކޯޓުން އަމުރު ކުރުމުންނެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ހިންގި ތަހުގީގާއި، އުފުލި ދައުވާއާއި، އިއްވި ހުކުމަކީ ވެސް ބާތިލް އެއްޗެއް ކަމަށް ފުންނާބުއުސް އެތައް ގާނޫނީ ވަކީލުންނެއް ވިދާޅުވެފައިވާއިރު، ފާއިތުވެދިޔަ އެއް އަހަރު ތެރޭ ވަނީ އެމަނިކުފާނަށް އެތައް ހައްގެއް ގެއްލިގެންގޮސްފައެވެ. އަދި އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ދޮށީ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ވެސް ހައްޔަރުކޮށް، އެތައް ދުވަހެއް ވަންދެން ވަނީ ޖަލުގައި ބައިންދާފައެވެ.
ގާސިމް އިބްރާހީމް ގައުމުން ބޭރުގައި ހޭދަކުރެއްވި މުއްދަތުގައި އެންމެ ބޮޑު ފަޅުކަމެއް، އަދި އެންމެ ބޮޑު ވޭނެއް އިހުސާސް ކުރީ އެމަނިކުފާނުގެ އާއިލާކަން ކަށަވަރެވެ. ޚާއްސަކޮށް އެމަނިކުފާނުގެ ތުއްތުތުއްތު ކުދިން ބައްޕަ ހަމަލޮލަށް ދެކިލުމުގެ ހައްގުން މަހުރޫމުވެ ހޭދަކޮށްފައިވަނީ ވޭނީ ދުވަސްތަކެކެވެ. އާއިލާއަށް ދިމާވި މިހިތްދަތިކަން ނިމުމަކަށް އައިސްފައިމިވަނީ އެމަނިކުފާނު އެނބުރި ވަޑައިގަތުމުންނެވެ.
އަހަރުދުވަސް ފަހުން އާއިލާ ގާތަށް ވަޑައިގަނެވުމުން އެމަނިކުފާނު ގެންދަވަނީ އާއިލާއެކު ވަގުތު ހޭދަކުރައްވައި އާއިލީ ޒިންމާ އުފުއްލަވައި ކުދިންގެ ކަންކަމުގައި ވެސް އަމަލީގޮތުން އުޅުއްވަމުންނެވެ. މިގޮތުން މިއަދަކީ އެއާއިލާއަށް ތާރީޚީ ދުވަހެކެވެ. މިއަދަކީ އަހަރު ދުވަސް ފަހުން އެމަނިކުފާނުގެ ކުދިން ބަލައި އަނބިކަނބަލުން އައިޝަތު ނަހުލާއާ އެކީގައި އިސްކަންދަރު ސްކޫލް ދޮށަށް ވަޑައިގަތް ދުވަހެވެ. ބައްޕަގެ ފަރާތުން ލިބެމުންއައި މިއުފާވެރިކަން އެތައް ދުވަހެއް ވަންދެން ގެއްލިފައި އޮތުމަށްފަހު އަނެއްކާވެސް އެއުފާވެރިކަން އިއާދަވުމުން އެކުދިން ތިބީ އުފަލުން ފޮޅިފައެވެ. މަންމައާއި ބައްޕަގެ ފަރާތުން އަބަދުވެސް ލިބުމަށް އެދޭ މިއުފާވެރިކަން ދެދަރިކަލުންނާއި ދަރިކަނބަލުންގެ މޫނުމަތިން ފާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު މިމަންޒަރާއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރު ދުވަހަށްފަހު ފުރަތަމަ ފަހަރަށް ކުދިން ބަލައި ގާސިމް އިބްރާހީމް ސްކޫލް ދޮށަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ބައްޕައާއެކު މިފަދަ ހިނދުކޮޅެއްވެސް ހޭދަކޮށްލުމުގެ ހައްގު އެކުދިންގެ ކިބައިން ނިގުޅައިގަތީ އެކުދިންގެ ކޮން ކުށެއް އޮވެގެންތޯއާއި އަދި އެބައްޕަގެ ކޮން ކުށަކާ ލައިގެންތޯ އަލީ ސޯލިހު ލިޔުއްވާފަވެއެވެ. އަލީ ވިދާޅުވީ ހަގީގީ ގާސިމް އިބްރާހީމަކީ މިއީ ކަމަށެވެ.
އާއިލާއާ ވަކިން އެތައް ރެއަކާއި އެތައް ދުވާލެއް ހޭދަކުރެއްވުމަށްފަހު ގާސިމް އިބްރާހީމް އެނބުރި ވަޑައިގަތުމުން އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ނަހުލާގެ ހުރިހާ ޝުކުރެއް ވެސް އޮތީ ދިވެހި ރައްޔިތުންނަށެވެ. އެކަމަނާ ވިދާޅުވީ ގާސިމް އިބްރާހީމްގެ އާއިލާ ކައިރިއަށް އެމަނިކުފާނު ގެނެސްދިނީ ދިވެހި ލޮބުވެތި ރައްޔިތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ