ރައީސް މައުމޫން ފަޅިން ނުކުންނަ ކެންޑިޑޭޓުންނަށް އެމްއާރުއެމްގެ ޓިކެޓެއް ނުލިބޭ!

ރައީސް މައުމޫންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުކުންނަ ކެންޑިޑޭޓުންނަށް އެމްއާރުއެމްގެ ޓިކެޓުގައި ވާދަނުކުރެވޭނެ ކަމަށް އެމްއާރުއެމުން ބުނެފިއެވެ.
މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވީނިއުސްއަަށް ވިދާޅުވީ އެހަރަކާތުގެ ނަން މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ބަދަލުކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް މިހަފުތާގައި ހުށަހެޅުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ނުވީ އިދާރީ ބައެއް ކަންކަން ނުނިމިގެން ކަމަށެވެ. ނަމަވެސް މިފެށޭ ހަފުތާގައި ޕާޓީ ރަޖިސްޓަރީކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.
އަލީމް ވިދާޅުވީ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި އޮތް މުއްދަތު މިމަހުގެ 21 ވަނަ ދުވަހު ހަމަވާނެ ކަމަށާއި އެހެންކަމުން ބާކީ މިއޮތް ކުޑަ ދުވަސްކޮޅު ތެރޭ ޕާޓީ އުފައްދަން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާލެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެގޮތުން ޕާޓީ އުފެއްދުމަށް ހުށަހަޅައި އެކަމުގެ ހުއްދަ ލިބުމުން 3000 މީހުންގެ ފޯމާއެކު އަނެއްކާ ހުށަހަޅައި އިލެކްޝަންސް ކޮމިޝަނުންވެސް ބަލަންޖެހޭ ކަންކަން ބެލުމަށް ވަގުތުކޮޅެއް ނަގާނެކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަށް ޕާޓީ ރަޖިސްޓަރީކޮށް ނިންމާލެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
"ރައީސް މައުމޫންގެ ތާއީދާއެކު އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނަން ނިންމައިގެން އިންޓަވިއު މަރުހަލާ ވެސް ނިމިފައި މިވަނީ. އެބޭފުޅުން އެގޮތަށް އެއްބަސްވެ ނިމިފައި ވަނީ. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ހުރިހާ ކެންޑިޑޭޓުން ވެސް ނުކުންނާނީ ރައީސް މައުމޫންގެ ތާއީދާއެކު މިނިވަން މެމްބަރުންގެ ގޮތުގައި" އަލީމް ވިދާޅުވިއެވެ.
އެމްއާރުއެމް ރަޖިސްޓަރީ ކުރެވުމުން އިންތިޚާބު ކާމިޔާބުކުރައްވާ ބޭފުޅުން ޕާޓީއަށް ސޮއިކުރައްވާނެތޯ ދެންނެވުމުން އަލީމް ވިދާޅުވީ އެކަމާ ގުޅޭގޮތުން އެއްވެސް ވަރަކަށް ވާހަކަނުދެކެވޭ ކަމަށާއި އެފަދަ އެއްބަސްވުމެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީހަށް ނުކުންނަވާ ބޭފުޅުންނަކީ އެމަނިކުފާނު އަރިހުގައި މަސައްކަތް ކުރައްވަން ބޭނުންވާ ބޭފުޅުންނަށް ވުމުން އެމަނިކުފާނު ޕާޓީ އުފެއްދެވުމުން ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިހާރުވެސް ޕާޓީ އުފެއްދުމުގެ ކަންކަމަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން އަލީމް ފާހަގަކުރެއްވިއެވެ.
އަލީމް ވިދާޅުވީ އެމްއާރުއެމުން ނުކުންނަ 24 ދާއިރާއެއް ކަނޑައެޅި އިއުލާންކުރެވިފައިވާ ކަމަށާއި އަދި ވާދަނުކުރަން 11 ދާއިރާއެއްވެސް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. ޕްރައިމަރީއެއް ނުބޭއްވި ނަމަވެސް ކެންޑިޑޭޓުން ކަނޑައަޅަނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަމަށާއި އެމްއާރުއެމުން ވާދަކުރާނެ ހުރިހާ ދާއިރާއެއް ފެށޭ ހަފުތާގެ ކުރީކޮޅު އިއުލާންކުރެވޭވަރުވާނެ ކަމަށް އަލީމް ވިދާޅުވިއެވެ. އަދި އެމްއާރުއެމުން ނުކުންނާނީ ކާމިޔާބުވާނެކަމުގެ ޔަގީންކަން އޮތް ދާއިރާތަކަށް ކަމަށާއި އަމާޒަކީ ވާދަކުރާ ހުރިހާ ދާއިރާއެއްވެސް ކާމިޔާބުކުރުން ކަމަށް ވެސް އަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ