ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ވަރަށްް އަވަހަަށް ހަމަޖެހޭނެ: ކޮންޓްރޯލާ

ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ވަރަށްް އަވަހަަށް ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން ވިދާޅުވެއްޖެ އެވެ.
ބިޒްނަސް ވިސާގެ ޚިދުމަތް އައްޑޫގައި ދޭން ފެށުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުހައްމަދު އަހްމަދު ވިދާޅުވީ ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ.
މި ބަދަލާއެކު ޕާސްޕޯޓަށް ދައްކަންޖެހޭ ސްޓޭމްޕްވެސް ގަންނަން ނުޖެހޭނެ ކަމަށް މައުލުމާތު ލިބެ އެވެ. އެކަމަކު ޕާސްޕޯޓަށް ފައިސާ ދައްކާއިރު އޭގެ ތެރޭގައި ސްޓޭމްޕަށް ދައްކަން ޖެހޭ ފައިސާ ހިމަނާނެ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އޮންލައިންކޮށް ފައިސާ ދެއްކޭގޮތް ވުމުން އިމިގްރޭޝަނަށް ދާންޖެހޭނީ ހަމައެކަނި ޕާސްޕޯޓް ނަގަން ކަމަށާއި މިކަން މިގޮތަށް ހަމަޖައްސާފައިވަނީ ސަލާމަތީ ސަބަބަުތަކަށްޓަކައި ކަމަށްވެސް މުހައްމަދު އަހްމަދު ވަނީ ވިދާޅުވެފަ އެވެ.
އޮންލައިންކޮށް ޕާސްޕޯޓް ހެދުމަށް އެދި ހުށަހެޅުމުގެ ޚިދުމަތް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ގެންދަނީ ފޯރުކޮށްދެމުންނެވެ.
އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކޯލް ސެންޓަރެއް އިމިގްރޭޝަންގައި ގާއިމުކުރުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ. މީގެ އިތުރަށް އޮންލައިންކޮށް ޕާސްޕޯޓް ހެއްދުމަށް އެެދުމުން ރާއްޖޭގައި ހުންނަ އިމިގްރޭޝަންގެ ހަތަރު ސެންޓަރުގެ ތެރެއިން ކޮންމެ ސެންޓަރަކުންވެސް ޕާސްޕޯޓް ނެގޭނެ އިންތިޒާމުތައް މިއަހަރުގެ ތެރޭގައި ހަމަޖައްސައިދޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ