ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ތައްޔާރަށް ހުންނެވިކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުނެވެ. ގާސިމު ވިދާޅުވީ ލީޑަރުންގެ ބައްދަލުވުން ނުބޭއްވިގެން އުޅޭނީ އެމަނިކުފާނު ބިޒީ ވެގެން ނޫން ކަމަށާއި، ކޯލިޝަން ލީޑަރުންގެ ބައްދަލުވުން ވަކި ދުވަހަކު ބޭއްވުމަށް ރައީސް އަރިހުން އެދިފައި ނުވާނެކަމަށެވެ.
"ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް އަޅުގަނޑު ތައްޔާރު, ވަރަށް އަވަހަށް ބައްދަލުވުން ބޭއްވިގެން ދާނެ ކަމަށް ގަބޫލުކުރަން" ޤާސިމް ވިދާޅުވި އެވެ.
ގާސިމު މިގޮތަށް ވިދާޅުވިއިރު، ދާދި ފަހުން ގާސިމް ވަނީ ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ ޕީއެންސީގެ އިސްވެރިންނާއި ބައްދަލުކުރައްވާފާއެވެ. އަދި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކާއެކުވެސް މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ޕީއެންސީން ވަނީ ޖުމްހޫރީ ޕާޓީ އާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އަދި އެޕާޓީއަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ޤާސިމަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ކުރީގެ ރައީސް ޔާމީން ވެސް ވަނީ ގާސިމާއި އެކު މަސައްކަތް ކުރެވިދާނެ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން ވިދާޅުވެފައެވެ.
މިމަހު 24 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަންގެ ބައްދަލުވުމެއް މި ހަފްތާގެ ތެރޭގައި ބޭއްވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު ނޮވެމްބަރު 15 ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައި ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކޯލިޝަން ލީޑަރުންގެ ބައްދަލުވުމަށް އަޅުގަނޑު ތައްޔާރު - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ