މެމްބަރު ޔާމީން ރަޝީދުވެސް މަޑުއްވަރީ ދާއިރާއަށް ކުރިމަތިލަނީ؟!

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވާކަން 'މީދޫ ޓައިމްސް'އަށް ކަށަވަރުވެއްޖެއެވެ.
 
އެމް.ޓީ.ޑީގެ ނައިބު ރައީސްކަންވެސް ކުރައްވާ ޔާމީން ރަޝީދު އަދި ރަސްމީކޮށް މިކަން އިޢުލާން ނުކުރެއްވި ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފެށޭ ފެބްރުއަރީ މަހުގެ ކުރީކޮޅު އެ މަނިކުފާނު މަޑުއްވަރީ ދާއިރާއަށް ކުރިމަތިލާނެކަން އިޢުލާން ކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
 
ޔާމީން ރަޝީދު ވެލިދޫ ދާއިރާ ދޫކޮށްލަން ނިންމެވީ ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި އެ ދާއިރާއަށް ބޭނުންވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވި އިތުރަށް ކުރިއަށް ގެންދަން ޖެހޭ ތަރައްޤީގެ މަޝްރޫޢުއެއް ނެތްކަމަށް ޤަބޫލުކުރެއްވީތީކަމަށާއި، އެހެންނަމަވެސް މަޑުއްވަރީ ދާއިރާއަކީ ތަރައްޤީގެ އިތުރު މަޝްރޫޢޫތައްވެސް ބޭނުންވެފައިވާ ދާއިރާއެއްކަމަށް 'އެމް.ޓީ' އާއި ވާހަކަދައްކަވަމުން ޔާމީން ރަޝީދު ވިދާޅުވިއެވެ.
 
މަޑުއްވަރީ އަދި މީދޫ ހިމެނޭ ދާއިރާއަށް ކުރިމަތިލުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ދިރާސާތައް ޔާމީން ރަޝީދުގެ ކެމްޕެއިން ޓީމުން ބާރު ސްޕީޑުގައި ކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ޔާމީން ރަޝީދުގެ ކެމްޕެއިން ޓީމުގައި ހިމެނޭ ބައެއް މީހުން މަޑުއްވަރީ ދާއިރާއަށް އަންނަ ގޮތަށް ވަނީ ޖަމަޖެހިފައެވެ.
 
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާގެ ގޮނޑީގެ ފޯރި ވަރަށް ގަދަވެފައިވާއިރު އެމް.ޑީ.ޕީގެ ޓިކެޓުގައި އާދަމް ޝިހާމް، ޕީ.އެން.ސީގެ ޓިކެޓުގައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި މިހާރުގެ މެމްބަރު އަމީތުވެސް މި ދާއިރާއަށް ކުރިމަތިލާގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ