ރައީސް އިބޫ ގުނބޯ ނުހެއްދޭނެ، އެމަނިކުފާނު ހުންނަވާނީ ސާބިތުކަމާއެކު: ގާސިމް

ސަރުކާރު ހިމެނޭ ކޯލިޝަންގައި ފިތުނަ އުފައްދައި ފަސާދަކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަންކަމަށް ވިސްނާ ވަޑައިގެން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސާބިތުކަމާ އެކު ހުންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި، އިރްތިޝާމް އާދަމް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ދޮގު ވާހަކަ ފަތުރައި ފިތުނަ އުފައްދައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ގާސިމް އިބްރާހިމްއާ ދެމެދު އޮތް، އިތުބާރު ގެއްލުވާލައި ސަރުކާރު ކޯލީޝަނުން ޖުމްހުރީ ޕާޓީ ދުރު ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަަމަށެވެ.
ނަމަވެސް އެއަށްވުރެ ބޮޑަށް އެ ދެބޭފުޅުންނަކީ އެކަކު އަނެކަކު ދެނެވަޑައިގަންނަވާ، އަދި އެކަކު އަނެކަށް އިތުބާރު ކުރައްވާ ދެ ބޭފުޅުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"ބޭނުމަކީ ފަސާދަ ކުރުން އަނެކެއްގެ ހިތަށް ނުތަނަވަސްކަން ވެއްދުން. އިބްރާހީމް މުހައްމަަދު ސޯލިހަކީ އެވަރުގެ ތަނެއްދޮރެއް ނުދަންނަ ބޭފުޅެއްކަމަށް ހީކޮށް ބައެއްމީހުން އުޅެފާނެ އެހެންމީހުން ގުނބޯ ހައްދާހެން ހައްދަން. އަޅުގަނޑަށް އަޔީން އެމަނިކުފާނު އެހެންވެ ވަޑައިނުގަންނަވާނެކަން. އަޅުގަނޑަށް ކަށަވަރު އެމަނިކުފާނު ސާބިތު ކަމާއެކު ހުންނަވާނެކަން،" ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ވެރިއަކު ތަންތަނަށް އަރުއްވައި ވައުދުތައްވެ ވަޑައިގެން ވާހަކަ ދައްކަވާގޮތުން ރައީސުލް ޖުމްހޫރިއްޔާއަކީ އެއީބާއޭ ހިތަށް އަރާ ކަމަށެވެ.
"ހިތަށް އަރާ އެބޭފުޅާގެ މެއިންޑޭޓަކީ ކޮބައިބާވައޭ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ އެއްވެސް ކަމެއް ނެތީއޭ ހިތަށްއަރާ،" ގާސިމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމުން ދުރުކުރުމަށްޓަކައި، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކުރީގެ ރައީސް ޔާމީން އާ ގާސިމް ބައްދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެހެން އެކިިޔާ ފަރާތާ އަދި ބައްދަލު ކުރައްވާފައިވެސް ނުވާނެ ކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަންވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި އެ ހުރިހާ ވާހަކަ އަކީ ފިތުނަ ފަސާދަ އުފައްދަން ބަޔަކު ދައްކާ ދޮގު ވާހަކަ ތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރު ކޯލިޝަނުން ޖުމްހުރީ ޕާޓީ ވަކިވާ ވާހަކަދައްކާއިރު، އެ ޕާޓީ އަދިވެސް އޮތީ ސަރުކާރު ކޯލިޝަންގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ