މީގެކުރިން އެކި އެކި ސަބަބުތައް ދެއްކުމަށްފަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކޮށް ދިޔަ ފަރާތްތަކަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރައްދުދެއްވައިފި އެވެ.
ހދ.ކުޅުދުއްފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ބައެއް ފަރާތްތަކުން އެމަނިކުފާނަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވުމަށްފަހު އެހެން ޕާޓީއަކަށް ވަޑައިގަންނަވާ ކަމަށާއި އެކަމުގައި "ދެން ހެދެން އޮތީ މިގޮތޭ" އެބޭބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
އެހެންނަމަވެސް އެމަނިކުފާނަށް ތާއީދުކުރައްވަންޏާއި ތިއްބަވަން ޖެހޭނީ ޕީޕީއެމްގައި ކަމަށާއި އެ ޕާޓީ ހިނގަނީ އެ މަނިކުފާނު ގަބޫލުކުރައްވާ އުސޫލުތަކާ އެއްގޮތަށް ވަރަށް ޑިމޮކްރެޓިކްކޮށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"ދެން މި ބުނަނީ ޕީޕީއެމް ހިނގަމުން އަންނަނީ އެމަނިކުފާނު ބޭނުންވާ ގޮތަކަށް ނޫނޭ، ޕީޕީއެމްގެ ފިކުރަކީ މައުމޫންގެ ފިކުރެއް ނޫނޭ، އެހެންވީމަ އޭ ޕީޕީއެމްގައި ތިބެން ކޮންމެހެން ނުޖެހެނީ، އެކަމަކު އެއީކީ ހަގީގަތެއް ނޫން، އަޅުގަނޑު ތިޔަ ލޮބުވެތި ހުރިހާ ބޭފުޅުންނަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޔަގީންކަން އަރުވަން ޕީޕީއެމްގައި މިއޮތީ އަޅުގަނޑުގެ ފިކުރު." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ ވަރަށް ޑިމޮކްރަޓިކް ޕާޓީއެއް ކަމަށްވާތީ ހަމައެކަނި އެމަނިކުފާނު ވިދާޅުވާ ގޮތަށް ހުރިހާ ކަމެއް ކުރާކަށް ނުޖެހޭނެ ކަމަށާއި ޕީޕީއެމްއިން މަޝްވަރާގެ އުސޫލު ބޭނުންކުރަމުންދާ ކަމަށެވެ.
ޕީޕީއެމް ހިނގަނީ މައުމޫން ބޭނުންވާ ގޮތަކަށް ނޫނޭ ބުނަމުންދާ ދިއުން ގަބޫލުނުކުރެއްވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ޕީޕީއެމްގައި އޮތީ މައުމޫންގެ ފިކުރު ނޫން ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނީ ކޮންމެވެސް ވަރަކަށް ރައްޔިތުންނަށް އޮޅުވާލަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ކުޅުދުއްފުށި ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެމަނިކުފާނަށް ވަރަށް އިހްސާންތެރިކަމާއިއެކު ތާއީދުކުރައްވާ ކަމަށާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ކަމަށްވާ ނަމަ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ތާއީދުކުރައްވާ ބޭފުޅަކު ނަމަ ޕީޕީއެމްގެ ޓިކެޓަށް ވޯޓުދެއްވާށޭ، އެއީ ޕީޕީއެމްއަކީ އަޅުގަނޑުގެ ފިކުރު، އެޕާޓީގެ ރައީސްކަމުގެ ޝަރަފް ލިބިފައިވާ ޕާޓީ، އެޕާޓީއަށް ހިދުމަތްކުރުމުގެ ޝަރަފް ލިބިފައިވާ ޕާޓީ، އެޕާޓީއަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ މުސްތަގުބަލު އެންމެ ފުރިހަމަ ގޮތެއްގައި ބައްޓަންކުރުމުގެ ގާބިލިއްޔަތު ހުރި ޕާޓީ." ރައީސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް ދޫކޮށް ދިޔަ ފަރާތްތަކަށް މައުމޫން ރައްދުދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ