ތަހުގީގަށް ހޯދާ އެއްވެސް ހެއްކެއް ނައްތާ ނުލަން: ޕޮލިސް

ފުލުހުންގެ އިދާރާއަށް ހުށައެޅޭ މައްސަލަތައް ތަހުގީގު ކުރުމަށް ހޯދާ އެއްވެސް ލިޔެކިޔުމެއް އަދި ހެއްކެއް އެއިދާރާއިން ނައްތާލާފައި ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ފަރާތުން ދެކެވުނު ވާހަކައިގައި ފުލުހުންނާ މެދު މިފަދަ ތުހުމަތެއް ކުރެވިފައިވާއިރު އެ ތުހުމަތު ދޮގު ކުރަމުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ތަހުގީގަށް ހޯދާ ހެއްކާއި ލިޔެކިޔުންތަކަކީ ވަކި އުސޫލެއްގެ ދަށުން ފުލުހުން ބަލަހައްޓަމުން ގެންދާ ތަކެތި ކަމަށާއި އޭގެން އެއްވެސް އެއްޗެއް ގެއްލިފައި ނުވަތަ ނައްތާލާފައިނުވާ ކަމަށެވެ.
މިހާތަނަށް އެއިދާރާއިން ނައްތާލާފައިވާނީ ފުލުހުންގެ އޮޕަރޭޝަންތަކުން މީހުން އަތުން ނަގާފައިވާ ބަނގުރަލާއި މަސްތުވާތަކެތި ކަމަށާއި އެކަން ކުރާއިރުވެސް އޭގެ ހެކިތަކާއި ލިޔެކިޔުންތައް ރައްކާކުރެވިފައިވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށައެޅުނު އެއްވެ އުޅުމަށް ފުލުހުންގެ ހުއްދަ ހޯދާ އިސްލާހަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ އަފްރާޝީމްގެ މަރާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ފުލުހުންގެ އިދާރާގައި މިހާރު ނެތް ކަމަށެވެ.
ފުލުހުން އެވާހަކަތައް ދޮގު ކުރުމުން ރިޔާޒް ވަނީ އޭނާގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ