ބަޖެޓުގައި ހިމަނައިދޭން އެދުނު ދާއިރާގެ އެއްވެސް މަޝްރޫއެއް ހިމަނާފައެއް ނެތް: ރިޔާޒު

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކިނބިދޫ ދާއިރާގެ ފަސް ރަށުގެ ތަރައްގީގެ މަޝްރޫއަށް ފައިސާ ހިމަނައިދެއްވުމަށް އެދުނު ނަމަވެސް، މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި އެއިން އެއްވެސް ކަމެއް ހިމަނާފައި ނުވާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ކަންވެސް ކުރައްވާ އަބްދުﷲ ރިޔާޒު ސޮއިކުރައްވާ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރަށް މިދިޔަ މަހުގެ ތެރޭގައި ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ ކިނބިދޫ ދާއިރާގައި ހިމެނޭ ފަސް ރަށުގައި ހިންގުމަށް ރައްޔިތުން އެދޭ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހިމަނައިދިނުމަކީ އެރަށްތަކުގެ ރައްޔިތުންނާއި ކައުންސިލް ތަކުން އެދޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސިޓީގައި އެ މަޝްރޫއުތައް ވެސް ފާހަގަކުރައްވާފައިވެ އެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައިދެއްވުމަށް އެދިވަޑައިގެންފައިވަނީ ކިނބިދޫ ދާއިރާގައި ހިމެނޭ އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫއާއި، ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއާއި، ކަނޑޫދޫ އާއި ކިނބިދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އިތުރުން ވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށެވެ.
ވީ ނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އަބުދުﷲ ރިޔާޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅިއިރު ކިނބިދޫ ދާއިރާގެ ރައްޔިތުންގެ އެދުންތަކަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާ ކަމަށެވެ. އަދި މިކަމުގައި ފިނޭންސް މިނިސްޓަރަށް ފޮނުއްވާފައިވާ ސިޓީއަށް ޖަވާބު ދެއްވާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސް ދިނުމާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަދިނުމަކީ ގާނޫނު އަސާސީން ލާޒިމުކުރާ ކަމަށްވާއިރު ކުދިކުދި މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނައިގެން ރައްޔިތުންގެ އުމްރާނީ ތަރައްގީއަށް ކަމެއް ކޮށްދިނީ ކަމަށް ނުބެލެވޭނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނަން ބޭނުންވާތީ ރައީސް އޮފީހުން ގުޅައި މައުލޫމާތު ވެސް އޮޅުންފިލުވާފައިވާ ކަމަށެެވެ. ނަމަވެސް އެގޮތަށް ކަންކަން ގެންދިއުމަށްފަހު ކިނބިދޫ ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫއުތައް ބަޖެޓުގައި ނެތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ ބަޖެޓުގައި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫއުތައް ހިމަނާފައި ނުވިނަމަވެސް ބަޖެޓުގެ ބަހުސް މަރުހަލާގައި އެކަންކަން ބަޖެޓުގައި ހިމަނަން ވަކާލާތު ކުރައްވާނެ ކަމަށެވެ. އަދި ބަޖެޓުގެ ކޮމިޓީ މަރުހަލާގައި ކިނިބިދޫ ދާއިރާގެ މަޝްރޫއުތައް ބަޖެޓުގައި ހިމަނައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ