އެއްވެސް ވެރިއަކަށް އިސްލާމް ދީނުގެ މަތިވެރި ފާރު ފޫ އަޅުވާ ނުލެވޭނެ - އުމަރު

އެއްވެސް ވެރިއަކަށް އިސްލާމް ދީނުގެ މަތިވެރި ފާރު ފޫ އަޅުވާ ނުލެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ދިވެހިންގެ މައްޗަށް ވެރިކަން ކުރުމުގެ ނިޒާމަށް ކޮންމެ ނަމެއް ކީ ނަމަވެސް ކޮންމެ ބައެއްގެ ވަށައިގެން ލެވިފައިވާ ވަރުގަދަ އެންމެ އުސް ފާރަކި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގެ ފާރުކަމަށެވެ. އަދި ތާރިހުގައިވެސް، އެ އުސޫލުތަކުން ކައްސާލާ ކޮންމެ ވެރިއެއްގެ ވެރިކަން ދިވެހިން ނިމުމަކަށް ގެނެސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދިވެހިން ވެރިކަމުގެ ނިޒާމް ކޮންމެ ގޮތަކަށް ބަދަލު ކުރިނަމަވެސް ދިވެހިން ބަދަލު ނުކުރާ ކަމަކީ އިސްލާމް ދީން ގެނެސްދީފައިވާ މަތިވެރި ހަމަތައް. ވެރިން ވެރިކަން ކުރުމަށް އިސްލާމްދީން ގޮވާލާފައިވާ ހަމަތައް.... އިސްލާމީ ދިވެހިންނަށް ދަސްކޮށްދިން މިދެންނެވި މަތިވެރި އުސޫލުތަކުގެ މަތީގައި ވެރިން ތިބުމަށް އަދި އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން ނުނިކުތުމަށް ދިވެހިން އެމީހުންގެ ވެރިންނަށް ބާރު ދޭ. މިދެންނެވި އުސޫކުގެ މަތިން ކައްސާލި ކޮންމެ ވެރިއެއްގެ ވެރިކަމެއް ދިވެހިން ބަދަލު ކުރި. އިސްލާމީ މަތިވެރި ހަމަތަކަށް ފުރަގަސް ދެއްވި ކޮންމެ ވެރިއެއްގެ ވެރިކަން ހިތިކޮށް ނިމިގެން ދިޔަ،" އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޖުމްހޫރީ ނިޒާމުގެ ތެރެއިން ވެރިކަން ހިންގުނު އިރުގައި އާއި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުނު މަދު ދުވަސްކޮޅުގައި އާއި މިޒަމާނުގެ ޑިމޮކްރަސީއަށް ވެރިކަން ބަދަލުވި އިރުވެސް އިސްލާމް ދީން ދަސްކޮށްދިން މަތިވެރި އުސޫލުތަކުގެ މަތީގައި ތިބުމަށް ދިވެހިން ވެރިންނަށް ބާރު އަޅާ ކަމަށެވެ. އެހެން ކަމުން މިހާތަނަށް ރާއްޖޭގައި ގާއިމްވެފައިވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ފޫ އަޅުވާފައި އެއްވެސް ވެރިޔަކަށް ދެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މިނިވަންކަމުގް އުފާ ލިބޭނީ ވަކި ހައްދެއް ނެތި މިނިވަންކަން ދޫކޮށްލައިގެން ނޫން ކަމަށާއި މިނިވަން ކަމަކީ ތިމޭގެ އުނދަގޫ ތިމާއަށްވެސް ނުފޯރާ ގޮތަށް ދިރިއުޅުން ކަމަށެވެ.
"އެހެން ކަމުން މިނިވަންކަމާ އަދުލުވެރިކަމުގައި އިސްލާމް ދީނުގެ ހިމާޔަތުގައި އަބަދުމެ ތިބުމަށް އަޅުގަނޑުމެން ހަނދާން ކުރަން ޖެހ" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ