ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ނިކުމެ އުޅުއްވާ ޕީޕީއެމްގެ ކައުންސިލް މެންބަރުން އެމަނިކުފާނާ މެދު އަމަލުކުރައްވާފައި ހުރި ގޮތްތަކާއި ދޭތެރޭ މައާފަށް އެދިވަޑައިނުގަންނަވާ ހިނދަކު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ނުބާއްވާނެ ކަމަށް ރައީސް މައުމޫން އަންގަވައިފި އެވެ.
ޕީޕީއެމްގެ ކައުންސިލް ބޭއްވޭނެ ގޮތްތަކެއް ރައީސް މައުމޫން ކަނޑައަޅުއްވާފައި މިވަނީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިިދިނުމަށް ތަކުރާރުކޮށް ބައެއް ބޭފުޅުން އެދެމުންދާ ވަގުތެއްގަ އެވެ.
ޕީޕީއެމްގެ ކައުންސިލް ބޭއްވުމާ ގުޅޭ ގޮތުން ރައީސް މައުމޫން ގޮތްތަކެއް ނިންމަވާ ޕީޕއެމްގެ ވައިބާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ކައުންސިލް ބޭއްވޭނެ ގޮތްތައް ވިދާޅުވެ ދެއްވާ ޝަރުތުތައް ކުރިމަތިކުރައްވާފަ އެވެ.
ރައީސް މައުމޫން މެސެޖުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް އެންމެފަހުން ބޭއްވުނު ދުވަސް ކަމުގައިވާ މިދިޔަ ޖުލައި މަހުގެ 19 ދުވަހު ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި އާއި އަދި އޭގެ ފަހުން ކައުންސިލްގެ ބައެއް ބޭފުޅުން އަމަލުކުރެއްވި ގޮތްތަކުގެ މައްޗަށް މައުމޫން ވާހަކަދައްކަވާފައިވެ އެވެ.
އެގޮތުން ރައީސް މައުމޫން ވިދާޅުވީ އެންމެ ފަހުން ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި އެމަނިކުފާނާ ދެކޮޅަށް "ބަޣާވާތްކުރައްވާ" އެބައްދަލުވުމުން ނިކުމެވަޑައިގެން ކޯރަމް ގެއްލުވާލައި އެމަނިކުފާނުގެ އަގު ވެއްޓޭ ގޮތަށް މީޑިއާގައި އެކަށީގެން ނުވާ ގޮތަށް ބައެއް ބޭފުޅުން އެމަނިކުފާނާ މުހާތަބު ކުރައްވާފައިވާ ކަމަށެވެ.
މީގެއިތުރުން އެމަނިކުފާނާ ދެކޮޅަށް ބައެއް ބޭފުޅުން ޝަރީއަތަށް ވެސް ވަޑައިގެންފައިވާ ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ މިގޮތްގޮތަށް އަމަލުކުރައްވާފައިވާ ބޭފުޅުން އެކަންކަމަށް މަޢާފަށް އެދިވަޑައިގެން، ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ވައުދުވެވަޑައިގަތުމުން ނޫނީ ކައުންސިލްގެ ޖަލްސާއެއް ނުބާއްވާނެ ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލް ބޭއްވުމާ ގުޅޭ ގޮތުން ރައީސް މައުމޫން ގޮތްތަކެއް ނިންމަވާ ކައުންސިލް މެންބަރުންނަށް އެކަން އަންގަވާފައި މިވަނީ ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ޕާޓީ ތަކުން ބައިވެރިވާނެ ބޭފުޅުން އެޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށްފަހު ފޮނުވުމަށް ރައީސް އޮފީހުން ޕާޓީ ތަކުން އަންގާފައި ވަނިކޮށެވެ.
ރައީސް އޮފީހުން މިގޮތަށް ޕާޓީ ތަކަށް އެންގީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މައުމޫން އަމިއްލަފުޅަށް ނިންމަވާ ޕީޕީއެމްގެ ފަރާތުން ޕާޓީ ތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުން ކަނޑައަޅުއްވާ ރައީސް އޮފީހަށް އެންގެވި ފަހުންނެވެ.
ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވަޑައިގަންނަވާނެ ބޭފުޅުންގެ ގޮތުގައި ރައީސް މައުމޫން ކަނޑައެޅުއްވީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއރާގެ މެންބަރު ފާރިޝް މައުމޫންއާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް އެވެ.
ޕީޕީއެމްގެ ފަރާތުން ޕާޓީ ތަކުގެ މަޝްވަރާގައި ފާރިޝް މައުމޫން ބައިވެރިކުރަން ރައީސް މައުމޫން ނިންމެވިއިރު ޕީޕީއެމްގެ ސުލޫކް ކޮމިޓީން ވަނީ ފާރިޝް އެޕާޓީން ވަކިކުރެވިފައިވާ ކަމަށް ނިންމާފަ އެވެ. އެހެންކަމުން ފާރިޝް އަކީ ޕީޕީއެމްގެ މެންބަރެއް ކަމަށް ޕީޕީއެމްގެ ކައުންސިލްގެ ގިނަ މެންބަރުންނާއި ޕީޖީ ގުރޫޕްގެ ގިނަ މެންބަރުން ގަބޫލެއް ނުކުރައްވަ އެެވެ.
ޕީޕީއެމްގެ ފަރާތުން މީގެ ކުރިން މަޝްވަރާތަކުގައި ބައިވެރިވީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެވެ.
ޕާޓީ ތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުން ކައުންސިލް ކަނޑައެޅުމަށް އަންގާ ރައީސް އޮފީހުން ފޮނުވި ސިޓީއަށް ވެސް ރައީސް މައުމޫން ވަނީ ރައްދު ދީފަ އެވެ. އެގޮތުން ރައީސް މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސް އޮފީހުން އެދިފައިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމުން ބައިވެރިވާނެ މަންދޫބުން ކައުންސިލުން ކަނޑައެޅެން ނެތް ކަމަށެވެ.
ކައުންސިލް ބޭއްވުމަށް ވަރުގަދަ ޝަރުތުތަކެއް މައުމޫން ކުރައްވައިފިި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ