ޕީޕީއެމްގެ ސަރުކަރަށް ކުރައްވަމުން ގެންދެވި ތާއީދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނބުރާ ގެންދަވާފައިވާތީ މި ވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރު އަހްމަދު މަހްލޫފް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މަހްލޫފް ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ގާނޫނުތައް މުގުރާލައި، ސިޔާސީ ލީޑަރުން ޖަލަށްލައި، ބޭއިންސާފާ އަނިޔާ އާންމުކޮށް، ރައްޔިތުންގެ އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުކޮށް، ރާއްޖޭގެ ތާރީހުގައި ކަޅު އަކުރުން ލިޔެވެޭ ވަރަށް ކޮރަޕްޝަން އާންމުކޮށް އަދި ބޭރު ދުނިޔެއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް ކަނޑާލާފައިވާ ވަގުތެއްގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް މައުމޫން ނިންމެވި ނިންމުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މިބަޔާނުގައި ވަނީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް އިސްލާހަށް މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކާއި ގުޅިގެން މަސއްކަތް ކުރައްވާނެ ކަމަށް މައުމޫން ވިދާޅުވެފައިވާތީ މަހްލޫފް ވަނީ އެކަމަށް ވެސް މަރުހަބާއާއި ޝުކުރު އަދާކުރައްވާފަ އެވެ. '
މި ބަޔާނުގައި މަހްލޫފް ވަނީ ޕީޕީއެމްގެ އެންމެހާ މަޖިލިސް މެމްބަރުން ރައީސް ޔާމީނާއި ދެކޮޅަށް ތެދުވެ، ރައީސް މައުމޫނާއި އެކީ ތިއްބެވި މެމްބަރުންގެ ކިބައިން ހިތްވަރު ލިބިގަނެ ބިރު ފަހަނަ އަޅާ ދިއުމަށްވެސް ގޮވާލައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީަހަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ މަޖިލިސް މެމްބަރުންނަށް ލިބިދީފައިވާ ބާރުތައް، ރައީސް ޔާމީންގެ އަމުރަށް ކޮށާ ކުދިކޮށް، ބާރުތައް ކަނޑާލައި ނިކަމެތި ކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މަހްލޫފް ޖަލުގެ ކުޑަ ގޮޅީގައި އަނިޔާވެރި ހިތްދަތި ދުވަސްތަކެއް ގުނަމުންދާ ކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
"ރައީސް ޔާމީންގެ އަމުރަށް ކޮށާ ކުދިކޮށް، ބާރުތައް ކަނޑާ ނިކަމެތި ކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އަޅުގަނޑު މިދަނީ ޖަލުގެ ކުޑަ ގޮޅީގައި އަނިޔާވެރި ހިތްދަތި ދުވަސްތައް ގުނަމުން. އެހެން އެއްވެސް މަޖިލިސް މެމްބަރަކަށް މިއަނިޔާ ލިބެން އަޅުގަނޑު ނޭދުމަށް އެދި ދުއާ ކުރާ ހާލު، މަޖިލިސް މެމްބަރުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތަކާއި ހައްގުތައް، ތިޔަ މެމްބަރުންގެ ކަނާތުން ވައަތުގައި ޖައްސަވާ ބުރިކޮށް ނުލެއްވުމަށް އަޅުގަނޑު އާދޭހާއި އެކު ދަންނަވަން. މިއަދު އަޅުގަނޑެވެ. މާދަމާ ރައީސް ޔާމީނުގެ އެންމެ އަރިހުގައި ހުންނަވާ މެމްބަރަކަށް ވުމީ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ނުވުމަށް ވުރެއް ވުން ގާތްކަމެއް،" މަހްލޫފްގެ ބަޔާނުގައިވެ އެވެ.
މި ބަޔާނުގައި މަހްލޫފް ވަނީ ރައީސް މައުމޫންގެ ގޮވާލެއްވުމަށް ކުރިން ފެށިގެންވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާތީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ގައުމީ މަސައްކަތަށް އިޖާބަ ދީފައިވާތީ އެ ދެ ޕާޓީގެ ލީޑަރުންނާއި އެންމެހާ މެމްބަރުންނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
މިބަޔާނުގައި މަހްލޫފް ވަނީ ރައީސް ނަޝީދާއި ރައީސް މައުމޫންގެ ގޮވާލެއްވުމަށް، އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި ސާބިތު ކަމާއެކު އޭނާގެ ފަރާތުން ދެވެން އޮތް ކޮންމެ އެއްބާރުލުމެއް ދޭނެ ކަމަުގެ ފުރިހަމަ ޔަގީންކަން ހުރިހާ ދިވެހި ރައްޔިތުންނަށް ދެއްވާފަ އެވެ.
މިވަގުތަކީ ރާއްޖޭގެ އެކި ރަށްރަށުގައި ފިޔާތޮއްޓާއި ރީދޫ އަދި ފެއްސާއި ރަތް ކުލައިގެ ޖަގަހަ ތަކުގައި ތިބި ރައްޔިތުން ހިޔާލު ތަފާތުވުން ދޫކޮށްލައި، އުފާވެރި ހިނިތުންވުމަކާއެކު އެކުވެރި ކަމުގެ އަތް ދިއްކޮށް ސަލާމް ކުަރަންވީ ވަގުތު ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ކުލައާއި ސިޔާސީ ފިކުރުގެ ވާދައިގައި ވޭތުވެ ދިޔަ 12 ވަރަކަށް އަހަރު ބައިބައި ވެފައި އޮތް މިގައުމު އިސްލާހްކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ ސުލްހަވެރިކަމާއި ހަމަޖެހުން ގެނައުމަށް އެއް މަންޒިލަކަށް އަމާޒު ހިފާފައިވުމަކީ އުފާވެރިކަން އޭނާއަށް އިހްސާސް ކުރުވާ މަންޒަރެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
ގައުމުގެ މަސްލަހަތަށްޓަކައި އެމްޑީޕީއާއެކު ކުރަންޖެހޭނެ މަޝްވަރާއެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވީ މި ބަޔާނުގައިވަނީ އެކަމަށް ރައްދުދެއްވާފަ އެވެ. އެގޮތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ދިވެހި ރައްޔިތުން އުފައްދާފައިވާ ސިޔާސީ ޕާޓީތަކާއެކު ގުޅިގެން މަޝްވަރާކޮށް މައްސަލަތައް ހައްލު ކުރުމަށް ވުރެ މޮޅު ގޮތެއް ހަމަގައިމުވެސް ފެންނަން ނެތް ކަމަށެވެ.
ރައީސް މައުމޫނަށް އަބަދުވެސް ތާއީދުކުރައްވާ މަހްލޫފް ޕީޕީއެމް އިން ވަކިކުރި ފަހުން އިތުރު އެހެން އެއްވެސް ޕާޓީއަކާއި ގުޅިވަޑައިގެންފައެއް ނުވެ އެވެ. މަހްލޫފް އަކީ ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ފުރަތަމަ ރައީސްގެ އިތުރުން އެޕާޓީގެ ތަރުޖަމާން ކަމާއި ކައުންސިލް މެންބަރު ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މިއަހަރުގެ ޖުލައި މަހުން ފެށިގެން މަހްލޫފް ގެންދަވަނީ 10 މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު މައުމޫން އަނބުރާ ގެންދަވާތީ މަހްލޫފް މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ