ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމަކީ ވަރަށް އިހްލާސްތެރި ވަފާތެރި ބޭފުޅެއްކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ކ. ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މެންބަރު ވަހީދަކީ އިހްލާސްތެރިއެއް ނޫންކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ.
ވަހީދުގެ ވާހަކަތައް ރައްދުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ވަހީދު އިބްރާހިމަކީ ގައުމަށާއި، ޕީޕީއެމްއަށް ނުހަނު އިހްލާސްތެރި ބޭފުޅެއްކަމަށެވެ.
ވަހީދަކީ ބައިބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ.
ޕާޓީ ބައިބައިވެފައިވަނިކޮށް ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ނާއިބް ރައީސްކަމުން އަބުދުއްރަހީމް އަބުދުﷲ ދުރުކޮށް އެމަގާމަށް ވަހީދު ހަމަޖައްސަވާފައެވެ.
ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ ކޮންމެ ދާއިރާއަކުންވެސް މަޖިލީހަށް ހޮވަންވާނީ އިހްލާސްތެރި މެންބަރުންކަމަށެވެ. ހިންމަފުށި ނިސްބަތްވާ ތުލުސްދޫ ދާއިރާއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދާއިރާ ތަމްސީލް ކުރައްވާ މަޖިލީސް މެންބަރަކީ އިހްލާސްތެރިއަކަށް ނުވުންކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.
ވަހީދަކީ ސަރުކާރަށް އެއްބާރުލުންދޭ މެންބަރެއް ނޫންކަމަށާ އަދި އެއީ އިހްލާސްތެރި މެންބަރެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ހިންގުން ކޯޓް މެދުވެރިކޮށް ރައީސް ޔާމީނާއި ހަވާލްކުރުމާއި ގުޅިގެން މައުމޫން ފެކްޝަނަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ގެންދަވަނީ ސަރުކާރުން ހުށައަޅުއްވާ ބައެއް ބިލްތަކަށް ފާޅުގައި ދެކޮޅު ހައްދަވާ ފާޑުވިދާޅުވަމުންނެވެ. އޭގެ ތެރޭގައި މެންބަރު ވަހީދުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ ކުރިން ވަހީދަކީ މަޖިލީހުގެ ފަރާތުން ކްލެމެންސީ ބޯޑްގައިވެސް ތަމްސީލް ކުރައްވަމުން ގެންދެވި މެންބަރު ނަމަވެސް ޕީޕީއެމް ބައިބައިވުމާއި ގުޅިގެން މަޖިލީހަށް ވަހީދުގެ މައްސަލަ ހުށއަަޅާ އޭނާ ވަނީ އެ ބޯޑުންވެސް ވަކިކޮށްފައެވެ.
ވަހީދަކީ ނުހަނު އިހްލާސްތެރި ވަފާތެރިއެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ