ގއ. ވިލިނގިލީ ޖެނެރޭޓު ހަލާކުވެ، ކަރަންޓު ކެނޑިއްޖެ

ގއ. ވިލިންގިލީގައި ބޭނުން ކުރާ ޖެނެރޭޓަރު ހަލާކުވެ އެ ރަށުން ކަރަންޓު ކެނޑިއްޖެ އެވެ. އެ ރަށުން ކަރަންޓު ކެނޑިފައިވަނީ ރޭ ފަތިހުން ފެށިގެނެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "އަވަސް" އަށް މިއަދު ވިދާޅުވީ ވިލިނގިލީގައި ތިން ޖެނަރޭޓަރެއް ހުންނަ އިރު އޭގެ ތެރެއިން ދެ ޖެނަރޭޓަރެއްގެ ފޭން ހަބް ހަލާކުވެފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގައި ލިބެން ހުންނަ ސްޕެއާއެއް ނޫން ކަމަށާއި އެ ގެންނަން ޖެހޭނީ ބޭރު ގައުމަކުން އޯޑަރުކޮށްގެން ކަމަށެވެ.
"ފޭން ހަބް ހަލާކުވުމަކީ އާންމުކޮށް ދިމާވާ ކަމެއް ނޫން. އެކަމަކު ދެ ޖެނަރޭޓަރެއްގެ ފޭން ހަލާކުވީމަ މުޅި ރަށުން ވަނީ ކަރަންޓު ގޮއްސަ. ދެން ހުންނާނީ އޭޑީބީގެ އެހީގައި ގެނެސްފައި ހުރި ޖެނަރޭޓަރެއް. އޭތި ބޭނުން ނުކުރަނީ ވޯލްޓޭޖް ޑްރޮޕްވާތީ. އެ ވެސް ވޮރެންޓީގެ ދަށުން ހަދަން ވެފައި އެހުރީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ގދ. ތިނަދޫއަށް މަރާމާތު ކުރުމަށް ގެނެސްފައި ހުރި ޖެނަރޭޓަރެއްގެ ފޭން ހަބް ނަގައި ވިލިންގިއްޔަށް ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކުންފުނީގެ މުއައްޒިފުން މިހާރު އަންނަނީ އެ ފޭންހަބް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އިރުއޮއްސުމުގެ ކުރިން އެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން ރަށު ކައުންސިލްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ