ބުޝް-ކްލިންޓަން ފަންޑުން މ. ދިއްގަރު ތަރައްގީކުރުމަށް ނިންމަވައިފި

ކުރުނބާ މޯލްޑިވްސް އިން ހުސައިން ފިޔާޒު މޫސާ
ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް އެހީވެދިނުމަށްޓަކައި އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯޖް ބުޝް އާއި ބިލް ކްލިންޓަން އުފައްދަވާފައިވާ ފަންޑުން ސުނާމީގައި ގެއްލުން ލިބުނު ރާއްޖޭގެ ރަށެއް ތަރައްގީކުރުމަށް ނިންމަވައިފައިވާ ކަމަށް ކްލިންޓަން ރޭ ވިދާޅުވެއްޖެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ މަންދޫބުގެ ގޮތުން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ކުރުނބާ މޯލްޑިވްސްގައި ކްލިންޓަން ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވީ އެ ރަށާ ބެހޭ މައުލޫމާތާއި ފޮޓޯތައް، ޖެހިގެން ހުރި ހޯލްގައި ހުންނާނެ ކަމަށާއި ހުރިހާ ނޫސްވެރިން ވެސް އެ ފޮޓޯތައް ބަލައިލުމަށެވެ.
ނިއުސް ކޮންފަރެންސަށް ފަހު އިތުރު ތަފްސީލް ދެއްވަމުން ޔޫ.އެން.ޑީ.ޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މޭ ފަހެއްގައި އުފެއްދެވި ބުޝް-ކްލިންޓަން ސުނާމީ ފަންޑުން ތަރައްގީ ކުރުމަށް ހަމަޖައްސަވައިފައި ވަނީ މ. ދިއްގަރެވެ.
ދިއްގަރަކީ ޑިސެމްބަރު 26 ގެ ހާދިސާގައި ކުޑަ ކުއްޖަކު މަރުވެ، ރަށުގެ 71 ޕަސެންޓް ގެދޮރަށް ގެއްލުން ލިބުނު ރަށެކެވެ. ސުނާމީގައި ދިއްގަރުން މުޅިން ހަލާކުވި 35 ގެ އަލުން އިމާރާތް ކުރުމަށާއި 77 ގެ މަރާމާތު ކުރުމަށާއި އެ ރަށުގެ ކަނޑުތޮށި މަރާމާތު ކުރުމަށް ބުޝް-ކްލިންޓަން ފަންޑުން އެއް މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ލިބިފައިވާ ކަމަށް ޔޫ.އެން.ޑީ.ޕީގެ އޮފިޝަލް ވިދާޅުވި އެވެ.
"ދިއްގަރުގައި ގެތައް މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން. ބޭނުންވާ އެއްޗެހި މިހާރު ވާނީ އެކޮޅަށް ފޮނުވާފައި. އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި އެ ރަށުގެ ހުރިހާ މަސައްކަތެއް ނިމޭނެ،" ޔޫ.އެންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބުޝް-ކްލިންޓަން ސުނާމީ ފަންޑުން ލިބިފައިވާ އެހީން އާމްދަނީ ލިބޭ ފަދަ މަސައްކަތްތައް ކުރުމަށް ދިއްގަރު ރައްޔިތުންނަށް ވަރަށް އަވަހަށް ސްކީމެއް ތައާރަފުކުރަން ރާވާފައިވާ ކަމަށް ވެސް ޔޫ.އެން.ޑީ.ޕީން ބުންޏެވެ.
އެ ސްކީމުން އޮޑިދޯނިފަހަރު މަރާމާތުކުރުމަށާއި އޮޑިދޯނިފަހަރު ގަތުމަށާއި އާމްދަނީ ލިބޭ ފަދަ އެހެން މަސައްކަތްތަކަށް ވެސް އެހީ ދިނުމަށް ވަނީ ރާވައިފަ އެވެ.
"ދިއްގަރު ތަރައްގީކުރުމަށް ލިބިފައިވާ ފައިސާ އިން ހަރަދުކޮށްފައި ބާކީވެއްޖެ ނަމަ، ސުނާމީގައި ގެއްލުން ލިބުނު އެ ސަރަހައްދުގެ އެހެން ރަށްތަކަށް ވެސް އެހީ ދޭނަން،" ޔޫ.އެން.ޑީ.ޕީގެ އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ