ތަހުގީގަށް ފަހު ބޭނުމީ އަބްދުﷲ އަށް އިންސާފު ލިބުން: އާއިލާ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު، ގ. ކީމާ، މަރުވި މައްސަލައިގެ ތަހުގީގަށް ފަހު އޭނާ އަށް އިންސާފު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން، މޭ 1 2015 ގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ މިދިޔަ އޮކްޓޯބަރު 10 ގަ އެވެ. އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިން ހިމެނޭ އަބްދުﷲގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އޭނާގެ ބަލި ހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާ ނުދީ މާ ބޮޑަށް ވަނީ ލަސްކޮށްފަ އެވެ.
އެ މަރަށް އިއްޔެ އެއް މަސް ފުރުނުއިރު ވެސް ސީރިއަސް ތުހުމަތުތަކަށް ކަމާ ބެހޭ މުއައްސަސާތަކުން ޖަވާބެއް ނުދެ އެވެ.
އަބްދުﷲގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމް ބުނީ އަބްދުﷲގެ މަރުގެ ތަހުގީގަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އޭނާގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ދެ ކޮމިޝަނުން ވަކި އެއްޗެއް އާއިލާ އަށް ނާންގާ ކަމަށް އޭނާ ބުންޏެވެ.
ޝެހެނާޒް ބުނި ގޮތުގައި އަބްދުﷲ ބަލިވެގެން ޖަލުގައި ބޭސްކުރި ކަމުގެ ލިއުންތައް އާއިލާ އަށް މިހާރު ވަނީ ލިބިފަ އވެ. އެ ލިއުންތަކަށް ބަލާއިރު ވެސް އަބްދުﷲ މަރުގައި ކަރެކްޝަަނަލް ސާވިސްގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.
"ލިއުންތަކުން އެބަ އެނގޭ ކިޑްނީ އާއި ފުއްޕާމޭ ފެއިލްވެފައިވާ ކަން. އެކަން އެހެންވީ ބަލި ހާލަތު ބޮޑުވިއިރު ވެސް އެކަށީގެންވާ ފަރުވާ ނުދިނުމުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.
ޝެހެނާޒް ބުނިގޮތުގައި އަބްދުﷲ ބަލިވެ އުޅޭ ކަމުގެ މައުލޫމާތު ލިބުމުން މާލޭ ޖަލަށް ގޮސް މާފުށީ ޖަލަށް ގުޅައިގެން ހާލަތު ސާފުކުރަން މަސައްކަތް ކުރި އެވެ. އެކަމަކު ތަކުރާރުކޮށް ގުޅުމުން ވެސް މާފުށީ ޖަލުން ވާހަކަ ނުދެއްކި ކަމަށާއި މާލޭ ޖަލުގެ އޮފިސަރަށް ވެސް އެކަން އެނގޭނެ ކަމަށް އޭނާ ބުންޏެވެ.
"އެހެންވީމަ އަބްދުﷲގެ ބަލި ހާލަތާ ގުޅޭ ގޮތުން އާއިލާ އަށް ޖަވާބުދާރީވުމުގައި ވެސް އިހުމާލުވެފައި މިވަނީ. ބަލިކަން ނުވެސް އެންގީ،" ޝެހެނާޒް ބުންޏެވެ.
އޭނާ ބުނިގޮތުގައި މާފުށީ ޖަލުގައި އަބްދުﷲ އަށް ފަރުވާ ދިނީ "ދަސްކުރާ" ޑޮކްޓަރެއް ކަމުގެ މައުލޫމާތު ވެސް އާއިލާއަށް ވަނީ ލިބިފަ އެވެ. ތަހުގީގުގައި ކަމާ ބެހޭ އިދާރާތަކުން އެކަން ވެސް ބަލާނެ ކަމަށް އުއްމީދުކުރާ ކަމަށް ޝެހެނާޒް ބުންޏެވެ.
"އަޅުގަނޑުގެ ފިރިމީހާ ދެނެއް ނާންނާނެ. އެކަމަކު އާއިލާ އިން ބޭނުން ވަނީ ޖަލުގައި ދެން ތިބި ގައިދީންގެ ވެސް ރައްކާތެރިކަމަށް، މިކަންކަން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރުން،" އޭނާ ބުންޏެވެ.
އަބްދުﷲގެ މައްޗަށް ހުކުމް ކުރީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ