ޑޮނަލްޑް ޓްރަމްޕް ރޭގެ ދަންވަރުގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ޕޯސްޓްތަކެއް ކުރައްވައިފިއެވެ. ޓްރަމްޕްގެ އާދަޔާހިލާފު ޕޯސްޓްތަކަކާއި އޭއައި ފޮޓޯތަކެއްގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ވޮޝިންޓަން ޑީސީގެ މަޝްހޫރު "ރިފްލެކްޓިންގ ޕޫލް" އަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ މަންޒަރުތައް ހިމެނޭހެން، ދަންވަރުގެ ވަގުތެއްގައި ޓްރަމްޕް ކުރެއްވި ސިލްސިލާ ޕޯސްޓްތަކަކާ ގުޅިގެން، އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އެމެރިކާގެ ގަޑިން ރޭގެ 11:03 އެހާކަންހާއިރު ޓްރަމްޕް ވަނީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފައެވެ. އެ ފޮޓޯއިން ފެންނަނީ ލިންކަން މެމޯރިއަލްގެ ރިފްލެކްޓިންގ ޕޫލްގައި ޓްރަމްޕާއި، ޖޭޑީ ވެންސް އަދި މާކް ރޫބިއޯ ގަމީސް ނުލައި ތިބޭ މަންޒަރެވެ. މި ފޮޓޯއިން ދައްކުވައިދެނީ އެ ފެންގަނޑުގެ އަޑީގައިވާ ގްރެނައިޓް ތަޅުންގަނޑު މަރާމާތު ކުރުމުގެ ބަދަލުގައި، "އިންޑަސްޓްރިއަލް ގްރޭޑް" ގެ ކުލައެއް ބޭނުންކޮށްގެން އެމެރިކާގެ ދިދައިގައި ހުންނަ ފަދަ ނޫކުލައަކަށް އެތަން ބަދަލުކޮށްފައިވާ މަންޒަރެވެ.
"ޓްރުތް ސޯޝަލް" ގައި އޭނާ ހިއްސާކުރެއްވި އިތުރު ފޮޓޯތަކުގެ ތެރޭގައި، ބަރަކް އޮބާމާގެ ރިޔާސަތުގައި އެ ފެންގަނޑު އަޅާނުލެވި އޮތް ކަމަށް ދައްކުވައިދޭ ފޮޓޯއަކާއި، މިހާރު ކުރިއަށްދާ މަރާމާތުތައް ނިމުމުން އެތަން ފެންނާނެ ގޮތުގެ ފޮޓޯއެއް ހިމެނެއެވެ.
މިކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް އިންޓީރިއާ އިން ހާމަކޮށްފައިވާ ގޮތުގައި، އެތަނުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މޭ މަހުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށެވެ. އަދި އެ ފެންގަނޑުގެ ބޮޑު މަރާމާތެއް އެންމެ ފަހުން ކުރެވުނީ 2012 ވަނަ އަހަރު ކަމަށް ޑިޕާޓްމަންޓް އޮފް އިންޓީރިއާ އިން ބުނެފައިވެއެވެ.
މިދިޔަ ހަފުތާ ބަންދުގައި ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓުންނަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ވަކި އެއް މައުލޫއަކަށް މަޑުކޮށްލުމެއް ނެތި ފުލުފުލުގައި ރޭގައި ޓްރަމްޕް ކުރެއްވި ޕޯސްޓްތަކުގައި ޓްރަމްޕް ވަނީ މެލަނިއާ ޓްރަމްޕް ހިނިތުންވެފައި ހުރި ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ. މިދިޔަ ހަފުތާ ބަންދުގައި ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓުންނަށް އަމާޒުކޮށް ދިން ހަމަލާއަކީ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއެކެވެ.
މީގެ އިތުރުން ކުރެއްވި އެހެން ޕޯސްޓެއްގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސްއަށް ނިސްބަތްކޮށް، އޭނާއަކީ "އައިކިއު ދަށް" އަދި "ނުލަފާ މީހެއް" ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި "މައުންޓް ރަޝްމޯރ" ނޭޝަނަލް މެމޯރިއަލްގައިވާ މަޝްހޫރު ރައީސުންގެ މޫނުތަކާ އެކު ޓްރަމްޕްގެ މޫނު ހިމަނާފައިވާ ފޮޓޯއެއްވެސް އޭނާ ހިއްސާކުރެއްވިއެވެ. ޖޯޖް ވޮޝިންޓަން، ތޯމަސް ޖެފަރސަން، ތިއޮޑޯ ރޫޒަވެލްޓް އަދި އަބްރަހަމް ލިންކަންގެ ސޫރައާ އެކު އޭނާގެ ސޫރަ އެ ފަރުބަދައިގައި ކަނޑާނެގުމަކީ "ރަނގަޅު ހިޔާލެއް" ކަމަށް ޓްރަމްޕް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
2025 ވަނަ އަހަރު ފްލޮރިޑާގެ މަންދޫބު އަނާ ޕައުލީނާ ލޫނާ ވަނީ މައުންޓް ރަޝްމޯރގައި ޓްރަމްޕްގެ ސޫރަ ކަނޑާނެގުމަށް ބިލެއް ހުށަހަޅާފައެވެ. ނަމަވެސް އެ ބިލު ކޮމިޓީ މަރުހަލާއިން ކުރިއަށް ގޮސްފައެއް ނުވެއެވެ.
ފެންގަނޑުގެ މަރާމާތާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އިތުރަށް ބުނެފައިވަނީ، ހަފުތާ ބަންދުގައި ފެނުނު މަޑު ނޫކުލައަކީ ގިނަ ފަށަލަތަކަކުން ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ލެވޭ "ބޭސް ކޯޓް" ނުވަތަ ފެށުމެއް ކަމަށެވެ.
ޓްރަމްޕް ހިއްސާކުރެއްވި އެހެން އޭއައި ފޮޓޯއަކުން ފެންނަނީ "ވައިލްޑް" ޖަހާފައިވާ އޫނޯ ކާޑުތަކެއް އޭނާ ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި "ހުރިހާ ކާޑެއް އޮތީ މަގޭ އަތުގައި" ކަމަށް ލިޔެފައިވެއެވެ.
ޓްރަމްޕްގެ މި ޕޯސްޓްތަކާ ގުޅޭގޮތުން ސިޔާސީ މުހައްލިލު ހެރީ ސިސަން ވިދާޅުވީ، މި ހުރިހާ ކަމެއް ހިނގާފައިވަނީ ގަޑިއެއްހާ އިރަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށާއި، މި މީހާގެ (ޓްރަމްޕްގެ) ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށެވެ.
ވޭތުވެދިޔަ އަހަރު ޓްރަމްޕް ދެވަނަ ފަހަރަށް ވައިޓް ހައުސްއަށް ވަޑައިގެންނެވިއިރު، އޭނާއަކީ އެމެރިކާގެ ތާރީހުގައި މަގާމާ ހަވާލުވި އެންމެ ދޮށީ އުމުރުގެ ރައީސަށް ވުމުން، އޭނާގެ ސިއްހީ ހާލަތާ މެދު އޮތް ސުވާލުތައް ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.
ފުލުފުލުގައި ކުރެއްވި ޕޯސްޓްތަކުން ޓްރަމްޕް ހަމަކަމަކަށް ނުބެލެވޭ: މުހައްލިލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ