ކަރަންޓުގެ އަގުގެ ފަރަގު ކުޑަކުރުމަށް މިސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއްދޭ - ތޯރިޤް

މާލެ އާއި އަތޮޅުތަކުގައި ކަރަންޓް ފޯރުކޮށް ދޭ އަގުގެ ފަރަގު ކުޑަކުރުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތިމާވެއްޓާ ހަކަތަޔާބެހޭ ވަޒީރު ތޯރިޤް އިބުރާހިމް ވިދާޅުވެއްޖެއެވެ.  ސަރުކާރުން ކުރިއަށް ގެންދާ ހަކަތަ އިގްތިސާދު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ، ފަހި އަލި ޕްރޮގްރާމްގެ ދަށުން ލެޑްބޮކިތައް ގޭބިސީތަކަށް ދޫކުރުމަށްޓަކާއި ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މާލެ އާ ރާއްޖެތެރެ ހިމެނޭ ގޮތަށް ކަރަންޓުގެ ރޭޓްތަކުގެ ތަފާތު ވަރަށް ބޮޑުކަމަށެވެ. ނަމަވެސް މިހާރު މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތައް އެއް ޓެރިފަކަށް ގެންދެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލެ އާއި ރާއްޖެތެރޭގެ ކަރަންޓުގެ އަގުގެ ފަރަގު ކުޑަ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ސްޕީޑެއްގައި ކުރިއަށްދާކަމަށްވެސް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު ތައާރަފުކުރި އެނާރޖީ ޕޮލިސީގެ ދަށުން އިއާދަކުރެނިވި ހަކަތައިގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި މިހާރު އަމާޒު ހުރީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭނުން ކުރާ ހަކަތައިގެ 30 ޕަސެންޓަކީ އިއާދަ ކުރެނެވި ހަކަތައައް ބަދަލުކުރުންކަމަށެވެ.ފަހިއަލި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދެލައްކަ ފަސްދޮޅަސް ފަސްހާސް ލެޑް ހޮޅިބުރި ވަނީ ދައުލަތުގެ މުއައްސަސާތަކަށާއި އަމިއްލަ ފަރާތްތަކަށް ހަވާލުކުރުމަށް ފެނަކާއި ހަވާލުކޮށްފައެވެ. މިޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި ހަތްދިހަ ފަސް ހާސް ލެޑްހޮޅިބުރި ދައުލަތުގެ މުއައްސަސާތަކަށާއި، އަމިއްލަ ފަރާތްތަކަށް އަދި ސޯޅަހާސް ދުއިސައްތަ ފަންސާސް ފަސް ގޭބިސީއަކަށް އަށާރަ ހާސް ދުއިސައްތަ ހަތްދިހަފަސް ލެޑް ބޮކި ވަނީ ހަވާލު ކުރެވިފަ. މި ހޮޅިބުރި ތަކަކީ ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ ހޮޅިބުރިތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ