ވިސްނުން ހުރީ އެއް މިސްރާބަކަށް - އިދިކޮޅު އިއްތިހާދު

އިދިކޮޅު އިއްތިހާދުގެ ވިސްނުން ހުރީ އެއް މިސްރާބަކަށް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޮޑު ބައްޔަކުން މި ސަރުކާރު ބަލި ކުރާނެކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ތިން އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގައި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވެފައި ވަނިކޮށް އެކަމަށް ރައްދު ދިނުމުގެ ގޮތުން އިދިކޮޅު އިއްތިހާދުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކިތަންމެ އަވަހަށް ވޯޓެއް ލީނަމަވެސް ދިވެހި ރައްޔިތުން ރައީސް ޔާމީން "ރިޖެކްޓް ކުރާނެ" ކަމަށާއި ބޮޑު ބައްޔަކުން މި ސަރުކާރު ބަލިކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއް ޤާއިމުކުރާނެ ކަމަށެވެ.
އިދިކޮޅު އިއްތިހާދުގެ ސިޔާސީ ފިކުރު ތަފާތުވިޔަސް ހުރިހާ ލީޑަރުންގެ އޮތީ އެއް އަމާޒެއްް ކަމަށާއި އެ ކޯލިޝަންގައި މިހާރު ތިއްބެވި ގިނަ ލީޑަރުންނަކީ މި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި އެ ބޭފުޅުން އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ކަމަށްވެސް އިންތި ވިދާޅުވިއެވެ.
"މިރާއްޖޭގެ ކަންކަމާ މެދުގައި ޝައުޤުވެރިވާ މި ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ފަރާތްތަށް ރާއްޖެއިން ބޭރުގައި އެބަ ތިއްބެވި. މި ރާއްޖޭގައިވެސް އެބަ ތިއްބެވި." އިންތި ވިދާޅުވިއެވެ. އިންތި މިހެން ވިދާޅުވީ ރާއްޖޭގެ ކަންކަން ރަނގަޅު ކުރަން ބޭރުން ބަަޔަކު ނާންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވަމުންނެވެ.
އިންތި ވިދާޅުވީ ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުން ޣައިރުޤާނޫނީކޮށް ހިފާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކާނަލް ނާޒިމް، އަހުމަދު މަހްލޫފް، ޝެއިޚް އިމްރާން، ޤާސިމް އިބްރާހިމް ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
"ކޯޓަކުން އަދި ފުލުސް އޮފީހަކުން ނޫނީ އަދި އެއްވެސް ތަނަކުން ނިންމުމެއް ނިންމުމަކީ އަދި ޤާނޫނާ އެއްގޮތައް ނިންމާ ނިންމުމަކަށް ނުވެދާނެ." ކަމަށް އިންތި ވިދާޅުވިއެވެ.
ބިޔަ މަޝްރޫއުތަކެއް ނިންމަވައި އެ ރަށްތަކަށް ރައީސް ވަޑައިގެން އެކަމުގެ އުފާ ފާޅުކުރެއްވިއިރު، އިދިކޮޅު ފަރާތްތަކުން ބުނީ "ބައެއް ރައްރަށަށް ރައީސް ޒިޔާރަތްކުރައްވާއިރު ވަރަށް ހެއްވާ ޒާތުގެ ވާހަކަތައް ދައްކަވާނެ" ކަމަށާއި "އެއްރަށުގައި ދައްކާ ވާހަކައަކާއި އަނެއް ރަށުގައި ދައްކާ ވާހަކައަކާއި ތައާރަޒުވާގޮތައް ބަސްފުޅުތައް ވިދާޅުވަމުން ގެންދެވި" ކަމަށެވެ.
ބޮޑު ތަފާތަކުން މި ސަރުކާރު ބަލިކުރާނެކަމަށް އިދިކޮޅުފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދާތީ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ކެނޑިޑޭޓަކީ ކޮބައިތޯ "ވަގުތު" އިން ސުވާލުކުރުމުން އިންތި ވިދާޅުވީ ކެންޑިޑޭޓެއް ނެރޭނެ ކަމަށާއި 2018 ގައި އަބްދުﷲ ޔާމީން ވެރިކަމުގައި ނުހުންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު އިއްތިހާދުން ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކާ މެދުގައި ހިޔާލުތަފާތުވެފައިވާ ކަމުގެ އަޑުތައް މަޑެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ