މޫސުން ގޯސްވެ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފި

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހދ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް، މިއަދު މެންދުރުފަހު 13:30 އިން މިރޭގެ 19:30 އަށް ވައިޓް އެލާޓް ނެރެފައެވެ.
މި ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް 23 މޭލާއި 29 މޭލަށް ވައިގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.
މީގެ އިތުރުން މި ވިއްސާރާގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ބެލެވޭއިރު، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، ރޭ ޔެލޯ އެލާޓްވެސް ނެރެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ