ފުޓުބޯޅައިގެ އައު ޖީލާމެދު އުރުބާނީ ފޮނި އުންމީދެެއްގައި
ރާއްޖޭގެ ޒުވާން ޓީމަކީ ހުނަރުވެރި ޓީމެއް ކަމަށާއި ޓީމެއްގެ ގޮތުގައި ފެނިއްޖެނަމަ އެ ތަފާތު ފެނިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ ބުނެފިއެވެ. އުރުބާނީއަކީ ރާއްޖޭގައި މިހާތަނަށް މަސައްކަތްކުރި އެންމެ ޓެކްނިކަލް ފެންވަރު ރަނގަޅު ކޯޗެވެ. އަދި ކާމިޔާބީތަކެއްވެސް ހޯދާފައިވެއެވެ. އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފެނިގެންދިޔައީ 2012 ވަނަ އަހަރު ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ޓީމާއެކު ލަންކާގައި ބޭއްވި ރާޖްޕަކްސަ އިންވިޓޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ. އެ ކާމިޔާބީގައި ޓީމެއްގެ ގޮތުގައި ދެއްކި ކުޅުމާއި، އުރުބާނީގެ ޓެކްޓިކަލް ޕްލޭންގެ ފުރިހަމަކަން ފެނިގެންދިޔައެވެ. އަނެއްކޮޅުން ގައުމީ ސީނިއާ ޓީމު ލައްވާ އޭނާ ކުޅުވި ކުޅުމަކީ މިހާރުވެސް ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ. އެންމެ ބޮޑަށް އެކަން ފާހަގަވީ 2009 ވަނަ އަހަރު ސާފް ޗެންޕިއަންޝިޕުގެ ފައިނަލަށް ދިވެހި ޓީމު ދަތުރުކުރުމެވެ. އެފަހަރު ހެޑު ކޯޗެއްގެ ގޮތުގައި އުރުބާނީ ވަނީ ދިވެހި ގައުމީ ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ދިގު މުއްދަތަކަށްފަހު އުރުބާނީ އެނބުރި ރާއްޖެ އައީ އެފްއޭއެމުގެ ރައީސް އަޙްމަދު ތާރިގު (ޓޮމް) ގެ ބޮޑު އެދުމަކާއެކު އެވެ. އޭނާގެ އެންމެ ބޮޑު އެއް ޓާގެޓަކީ ރާއްޖޭގައި ފުޓުބޯޅައިގެ ރަނގަޅު މުސްތަގްބަލެއް ބިނާކުރުމާއި އެ ޕްލޭންތައް އެކުލަވާލުމަށެވެ. އެއާއެކު އޭނާއަަށް އެފްއޭއެމުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުވެސް ވަނީ ދީފައެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އުރުބާނީ ބުނީ ޓީމެއްގެ ގޮތުގައި ފެނިއްޖެނަމަ ރާާއްޖޭގެ 20 އަހަރުންދަށުގެ ގައުމީ ޓީމުގެ ފަރާތުން ތަފާތުތަކެއް ފެނިގެންދާނެކަމުގެ އުންމީދު އެބައޮތްކަމަށެވެ. އަދި ސިންގަޕޫރަށް މިހާރު ކުރަމުންދާ ކޭމްޕުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓީމު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުވުން ކަމަށެވެ. "ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭ ނަމަ ކޮންމެ ކުޅުންތެރިއެއްގެވެސް އަސްލު ފެންވަރު ފެނިގެންދާނީ. ވަކިވަކިން އުޅޭނަމަ ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެ" އުރްބާނީ ބުންޏެވެ. ރާއްޖޭގެ ޒުވާން ޓީމަކީ ހުނަރުވެރި ޓީމެއްކަމަށް ކޯޗު ފާހަގަކޮށް އުރުބާނީ ބުނީ ޝައުގުވެރިކަމާއިއެކު ހިތްވަރުކޮށް، ޓީމެއްގެ ގޮތުގައި ކާމިޔާބީ ހޯދޭނެކަމަށެވެ. އަދި ހުނަރަކީ ހުރިހާ އެެއްޗެއް ނޫންކަމަށާއި އެ ހުނަރުވެރިކަމާއެކު ބުރަ މަސައްކަތްތަކެއް ޝައުގުވެރިކަމާއެކު ކުރަންޖެހޭނެ ކަމަށްވެސް އުރުބާނީ ބުންޏެވެ. ސިންގަޕޫރުގެ 19 އަހަރުންދަށުގެ ގައުމީ އެކުވެރިކަމުގެ ދެ މެޗު ކުޅުނެވެ. އޭގެތެރެއިން ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު ދެވަނަ މެޗުން ވަނީ ބަލިވެފައެވެ. އުރުބާނީ ވަނީ މި މެޗުތަކަކީ ޓީމަށް މުހިންމު މެޗުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ހިމެނެނީ ނޭޕާލް، ބޫޓާން އަދި ސްރީލަންކާއެވެ. ރާއްޖޭގައި ބާއްވާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުތައް ރާއްޖެ - ސްރީލަންކާ (23 މާރިޗު) ރާއްޖެ - ބޫޓާން (25 މާރިޗް) ރާއްޖެ - ނޭޕާލް (27 މާރިޗު)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ