ބީއެމްއެލްއާއި ޓީއެފްޖީގެ ކުޑަކުދިންގެ ދުވުމުން ލިބުނު ފައިސާ ކެއާ ސޮސައިޓީއަށް ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބީއެމްއެލް ވައު ކިޑްޒް ރަންގެ މިއަހަރުގެ ދުވުން މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ތިން އުމުރުފުރާއަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު ޖުމްލަ 1800 ބައިވެރިން ވަނީ މިފަހަރުގެ ދުވުމުގައި ބައިވެރިވެފަ އެވެ.
މީގެތެރޭގައި ހިމެނޭ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންގެ ދުވުން ފެށީ ބޭންކް އޮފް މޯލްޑިވްސް މަޖީދީމަގު ބްރާންޗް ކުރިމަތިންނެވެ. ފަސް އަހަރާއި ހަތް އަހަރާއި އަދި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންގެ ދުވުން ފެށީ މަޖީދީ މަގު އާޓިފިޝަލް ބީޗު ކުރިމަތިންނެވެ.
ދުވުމުގައި ބައިވެރި ކުދިންނަށް މެޑަލް ހަވާލުކުރުން އޮތީ ކޮންމެ ކުއްޖަކުވެސް ދުވުން ނިންމި ވަގުތު ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްއާއި ޓީއެފްޖީގެ އިސްވެރިންނެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ފަންޑް ރައިޒިން ޕްލެޓްފޯމް މެދުވެރިކޮން ދުވުމުގައި ބައިވެރިވި ކުދިން ހޯދި ފައިސާ، މި ދުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެކުދިން ވަނީ ކެއާ ސޮސައިޓީއާއި ހަވާލުކޮށްފަ އެވެ. މި ފައިސާ ކެއާ ސޮސައިޓީއާއި ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ.
މި ފައިސާގެ އިތުރުން ދުވުމުގައި ބައިވެރިވުމަށް ޓީއެފްޖީގައި ރަޖިސްޓްރީ ކުރި ކުދިންގެ ރެޖިސްޓްރޭޝަން ފީގެ 15 އިންސައްތަގެ ގޮތުގައި ލިބުނު 30،150 ރުފިޔާވެސް ޓީއެފްޖީން ވަނީ ކެއާ ސޮސައިޓީއަށް ހަދިޔާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ