މާފަންނު ސައްކެޔޮގަސްދޮށުގޭ ޑރ. އިބްރާހީމް އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޑރ. އިބްރާހީމް އުމަރު މަނިކުގެ ބޭބެ މުހައްމަދު އުމަރު މަނިކަށް ރައީސް ފޯނުން ގުޅުއްވައި އެހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ޑރ. އިބްރާހީމް އުމަރު މަނިކުކީ ސެންޓްރަލް ހޮސްޕިޓަލަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ހަމައެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ވެސް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ފަރާތެއްކަން ފާހަގަކުރެއްވިއެވެ.
ޑރ. އިބްރާހީމް އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު އުމުރަކީ 68 އަހަރެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރަކީ ޑރ. އިބްރާހީމް އުމަރު މަނިކެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއާ ހައުސް އޮފިސާ އިން އެނިސްތީޒިއާކަން ދެއްވީ 16 އޮކްޓޫބަރު 1982 ގައެވެ. ހޮސްޕިޓަލްގެ ވަޒީފާއިން 21 އޭޕްރިލް 1988 ގައި ވަކިވެވަޑައިގެންނެވިރު ހުންނެވީ ސީނިއަރ ރަޖިސްޓްރާ އިން އެނިސްތީޒިއޮލޮޖީގެ މަގާމުގައެވެ.
އޭގެ އިތުރުން ޑރ. އިބްރާހީމް އުމަރު މަނިކަކީ ޔުނިވާސަލް އެންޓާޕްރައިޒަސް ލިމިޓެޑުގެ އެއް ޑައިރެކްޓަރު ވެސް މެއެވެ. އަދި މާލޭ އެރޭޓޭޑް ވޯޓާ ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދެވީ ވެސް އިބްރާހީމް އުމަރުއެވެ. ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެންނެވުމުގައި ވެސް ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.
އިގްތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1998 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން ދެއްވާފައެވެ. އެ ކުންފުނީގެ މަސައްކަތް ފުރަތަމަ ފެށުނީ 1983 ވަނަ އަހަރުއެވެ.
ޑރ. އިބްރާހީމް އުމަރު މަނިކުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ