މާނާގަލާގައި ހެޗަރީއެއް އަޅާނެ ބަޔަކު ހޯދަނީ

ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކުރާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުޅުވާލައިފިއެވެ.
މާނާގަލާގައި ހެޗަރީއެއް ޤާއިމްކުރަނީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ސަރުކާރުން ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުންނެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކުރުމުގެ މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށެވެ. ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މުއްދަތަކީ 12 މަސް ދުވަހެވެ. އަދި ހެޗަރީ ހިންގުމަށް ދޫކުރާނީ 20 އަހަރު ދުވަހަށެވެ. ރަޖިސްޓްރީކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތަކީ ނެޓްވޯތްގެ ގޮތުގައި މަދުވެގެން 5 މިލިއަން އެމެރިކާ ޑޮލަރު ހުންނަ ފަރާތަކަށް ވާންޖެހެއެވެ. އަދި މަސައްކަތަށް ކުރިމަތިލާ ފަރާތުން ޓެންޓޭޓިވް އިންވެސްޓްމެންޓް ޕްލޭން އަދި ޓެންޓޭޓިވް ފައިނޭންސިން ޕްލޭން ހުށަހަޅަންޖެހޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެއިތުރުން މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މަދުވެގެން 1 މެރިން ހެޗަރީއެއް ކާމިޔާބުކަމާއެކު ހިންގާފައިވުމުގެ އިތުރުން 3 އަހަރުގެ މުއްދަތުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 2.5 މިލިއަން ފިންގަރލިންގްސް އުފައްދާފައިވާ ފަރާތަކަށްވާން ވާންޖެހޭކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި މަދުވެގެން 1 މިލްކްފިޝް ހެޗަރީ ކާމިޔާބުކަމާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. މަސައްކަތަށް ކުރިމަތިލާ ފަރާތުން މަދުވެގެން 1 ހެޗަރީ، އަހަރެއްގެ ތެރޭގައި 2.5 މިލިއަން ކުދިފާނަ އުފެއްދުމުގެ ކެޕޭސިޓީ ހުންނަ ފަރާތަކަށްވެސް ވާންޖެހޭނެއެވެ.
ޕްރޮޖެކްޓްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1500 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. މާނާގަލާގައި މިނިސްޓްރީން ޤާއިމްކުރާ ހެޗަރީގައި އުފައްދަނީ ހުއިފިލަނޑާއާއި، ކުދި ފާނަ އަދި އެމުގެ ގޮތުގައި ބޭނުންކުރާނެ އެމެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ