ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވާ ދެ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
ޕިޖީ އޮފީހުން މައްސަލަ ކޯޓަށް ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާކުރަން ފޮނުވުމަށްފަހު ކޯޓަށް ހުށަހަޅަން ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވި ފަހުން ކަމަށް ބުނެ ބާތިލުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ހ. ގާރޑްބިޔުޓީ، މުހައްމަދު އަކްރަމާއި، ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފްގެ މައްޗަށް އުފުލާފައިވާ ދައުވާއެވެ.
އަކުރަމްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި، ޝަރީފްގެ މައްޗަށް އުފުލާފައިވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
މީގެއިތުރުން، މި މައްސަލާގައި ހިމެނޭ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން 45 ހެއްކެއް ބަލައި ނުގަތުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، މި ތިން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ނިންމާފައިވާ ކަމަށާއި، މާދަމާގެ ވަގުތެއްގައި އިސްތިއުނާފްކުރުރުމަށް ހުށަހަޅާނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ:
1. ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔު
2. ރ. އިނގުރައިދޫ، އެލެސްކާ، މުޙައްމަދު ވިސާމް
3. ރ. އިނގުރައިދޫ، އެލެސްކާ، ޢަބްދުﷲ ވިސާމް
4. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަޙްމަދު ނަޞީރު
5. ކ. މާލެ، ހ. ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމް
6. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފް
7. ލ. ގަން-ތުނޑި، ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން
8. ރ. ރަސްގެތީމު، ފީރޯޒްގެ، އަޙްމަދު ޝިނާން
9. ތ. ތިމަރަފުށި، ތަނޑިރަތްމާގެ، މުޙައްމަދު ވަޖީޙު
10. ކ މާލެ، މއ. ކަނޑޫގެ، ޢަލީ އަޙުމަދު
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާއި 148 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ:
1. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަޙްމަދު ނަޞީރު
2. ކ. މާލެ، ހ. ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމް
3. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފް
"މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏަކުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި 13 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
72 ކިލޯގެ ޑްރަގް މައްސަލަ: ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ޕީޖީން ހައިކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ