ފަތުވާ ދޭ މަޖިލީހުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭންޖެހޭ: މެމްބަރު ނާޒިމް

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެފައިމިވަނީ ޔޯގާ ހެދުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ ރާއްޖޭގެ 100އަށްވުރެ ގިނަ ޝޭހުން ފަތުވާއެއް ނެރެފައިވަނިކޮށެވެ.
ނާޒިމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށާއި ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކުރަން ޖެހޭ ކަމަށް މެމްބަރު ނާޒިމް ވިދާޅުވިއިރު ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ނެރެފައިވާ ފަތުވާގައި ވަނީ ހިންދޫންގެ ނަޒަރުގައި ޔޯގާ އަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތްތަކެއް ކަމަށާއި ޔޯގާގެ ސަބަބުން އެ މީހާ ބަލިވުމާއި މުސްކުޅިވުމާއި މަރުވުމުންވެސް ސަލާމަތް ކޮށްދޭ ކަމަށް ހިންދޫ އިން ގަބޫލުކުރާ ކަމަށެވެ.
އަދި ކަސްރަތު ކުރުމުގެ ނަމުގައި ހިންދޫ އިންނާއި ބުޑިސްޓުން ޔޯގާ ހަދަނީ، އެމީހުންގެ ދީނަށް މީހުން ލޯބި ޖެއްސުމަށް ކަމަށާއި އެއީ އެ ދީންތަކަށް މީހުން ވެއްދުމަށް އެމީހުން ހިންގާ ހަމަހިމޭން އަދި ރޭވުންތެރި ދައުވަތެއްގެ ގޮތުގައި ކަމަށް ވެސް އެ ފަތުވާގައިވެއެވެ.
މާތްﷲ ވަނީ އިންސާނިއްޔަތައްޓަކައި އެންމެ ފުރިހަމަ ނިޒާމްކަމުގައި އިސްލާމްދީން ލައްވާ ފުރިހަމަކޮށްދެއްވާ އަދި އެ ދީނާމެދު ރުހިވޮޑިގެންވާކަން ބާޔާންކުރައްވާފައި ކަމަށްވެސް އިލްމުވެރިންގެ ގުޅުމުން ނެރެފައިވާ ފަތުވާގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ