ދުނިޔޭގައި ބާއްވާ ފުޓުބޯޅައިގައި އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތުގައި ބޭނުންކުރާނެ ބޯޅައިގެ ރެޕްލިކާއެއް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ ގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު އަށް ވެދުން ކޮށްފިއެވެ.
ގަތަރުގައި މިއަހަރުގެ ފަހުކޮޅު ބާއްވާ މި މުބާރާތުގައި ބޭނުންކުރަން ކަނޑައަޅާފައިވާ ބޯޅައަށް ދީފައިވާ ނަމަކީ، އަލްރިހްލާއެވެ. މި ބޯޅަ މިނިސްޓަރ ޝާހިދު އަށް ވެދުމަށް އެރުވީ ގަތަރުން އދ އަށް ކަނޑައަޅާފައިވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް އަލްޔާ އަހްމަދު ސައިފް އަލް ތާނީ އެވެ.
ބޯޅަ އާއި ހަވާލުވެ ވަޑައިގަތުމަށްފަހު ޝާހިދު ވިދާޅުވީ، ފުޓުބޯޅައަށް ލޯބިކުރާ، މި ކުޅިވަރުގެ ބޮޑު ސަޕޯޓަރެއްގެ ހައިސިއްޔަތުން، ފީފާ ވޯލްޑް ކަޕް 2022 ގައި ބޭނުންކުރާ އޮފިޝަލް މެޗު ބޯޅަ ލިބުން މިއީ ބޮޑު ޝަރަފެކެވެ. ސަބަބަކީ އެމަނިކުފާނަކީ ޒުވާން އުމުރުގައި ފޯރިއާއިއެކު ފުޓުބޯޅަ ކުޅުއްވި ފަރާތަކަށްވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޝާހިދު ވަނީ މި ބޯޅަ އެމަނިކުފާނަށް ހަދިޔާ ކުރެއްވީތީ އަލްޔާ އަހްމަދު ސައިފް އަލް ތާނީ އަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ، މި މުބާރާތް ހޯސްޓު ކުރުމަށް ގަތަރުން ތައްޔާރުވަމުން އަންނައިރު، މިކަމުގައި އެގައުމަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭ ކަމަށާއި، ޝައުގުވެރިކަމާއެކު ވޯލްޑް ކަޕުގެ އެންމެ ފަހުގެ އަދާހަމަ ބެލުމުގައި ހުންނާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކުޅިވަރަކީ އިންސާނިއްޔަތު ނެގެހެއްޓުމުގައި މުހިންމު އަސާސެއް ކަމަށާއި، ކުޅިވަރުގެ ތެރެއިން މުޅި ދުނިޔޭގެ ހަމަޖެހުން ދެމެހެއްޓުމުގައި ކުރިއެރުންތަކެއް ލިބޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.
އަދި އަލްރިހްލާގެ ނަމުން ނަން ދެވިފައިވާ މި ބޯޅައަކީ ފުޓުބޯޅައިގެ ތާރީހު ބަދަދު ކޮށްލާނެ ބޯޅައެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު އެ ފާހަގަކުރެއްވީ، މިފަހަރުގެ މުބާރާތަކީ އެތައް ގޮތަކުން ތަފާތު އެތައް ކަމެއް ފެނިގެންދާނެ މުބާރާތެއް ކަމެވެ. އެގޮތުން މިއީ އަރަބި ގައުމެއްގައި ބާއްވާނެ ފުރަތަމަ އަދި އޭޝިއާ ބައްރުގައި ބާއްވާނެ ދެވަނަ ވޯލްޑް ކަޕެވެ. އަދި މިއީ 32 ޓީމާއެކު ވޯލްޑް ކަޕް ކުޅޭނެ ފަހު ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ފީފާ އިންވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން މި މުބާރާތުގައި 48 ޓީމު ކުޅޭގޮތަށް ނިންމާފައެވެ.
މީގެއިތުރުން މިއީ އަހަރުގެ މެދުތެރޭގައި ނޫން ގޮތަކަށް މުބާރާތް ކުޅޭނެ ފުރަތަމަ ފަހަރެވެ. މީގެކުރިން މެއި، ޖޫން، ޖުލައި މި ތިންމަހުގެ ތެރޭގައި ވޯލްޑް ކަޕް ކުޅޭއިރު މިފަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ 21 ނޮވެމްބަރުން ފެށިގެން 18 ޑިސެމްބަރުގެ ނިޔަލަށެވެ.
ވޯލްޑް ކަޕުގައި ބޭނުކްކުރާ ރަސްމީ ބޯޅަ އަބްދުﷲ ޝާހިދުއަށް ވެދުމަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ