ބާރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ރޯކޮށްލައިފި، ފުލުހުން މައްސަލަ ބަލަނީ

ހއ. ބާރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. ބާރަށު ކައުންސިލްގެ ރައީސް ސޮފާތު މުހައްމަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ސައިކަލު ހުރީ ޕްރިންސިޕަލްގެ ގޭގައި ޕާކުކޮށްފައި ކަމަށާއި އެ ގޭގެ ގޭޓުވެސް ހުރީ ބަންދުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. "ބޮޑަށް ގަބޫލު ކުރެވެނީ ފާރުމަތިން އަރައިގެން ކުރި ކަމެއް ކަމަށް،" ސޮފާތު ވިދާޅުވިއެވެ. ސޮފާތު އިތުރަށް ވިދާޅުވީ އެ ސައިކަލުގައި ރޯކޮށްލި ސަބަބު އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ބޮޑަށް ބެލެވެނީ އެއީ ތައުލީމީ ދާއިރާއާ ގުޅުން ހުރި ކަމަކާ ބެހޭ ގޮތުން ހިތްހަމަނުޖެހިގެން ބަޔަކު ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ސީދާ އަޅުގަނޑުމެންނަކަށް ނޭނގެ (ރޯކޮށްލީ) ކިހިނެއް ވެގެން ކަމެއް ބުނާކަށް. ކުރިއަށްވުރެ ބޮޑަށް މިހާރު ތައުލީމީ ނިޒާމަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް އެބަ ލިބިގެންދޭ. އެހެންވީމަ ގަބޫލު ކުރެވޭ ގޮތުގަ އެކަންކަމާ ހިތްހަމަ ނުޖެހޭ ބައެއް އުޅޭ. އެކަމަކު ސީދާ ސަބަބެއް ނޭނގެ ބުނާކަށް،" ސޮފާތު ވިދާޅުވިއެވެ. ހއ. ބާރަށު ސްކޫލް ޕްރިންސިޕަލް ދިރިއުޅުއްވާ ގޭގައި ސައިކަލުގައި ރޯކޮށްލާފައި -- ފޮޓޯ/ ކައުންސިލް ނ. ވެލިދޫއަށް ނިސްބަތްވާ އެ ޕްރިންސިޕަލް ބާރަށު ސްކޫލުގައި މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. އޭނާއަށް އެފަދަ ގެއްލުމެއް ދީފައި ވާތީ ކައުންސިލުން އެކަމާ ހިތާމަކުރާ ކަމަށް ސޮފާތު ވިދާޅުވިއެވެ. "މިހެން ދިމާވާ ހާދިސާތަކަކީ ރަށުން އަޅުގަނޑުމެން ދެކެން ބޭނުންވާނެ ކަންކަމެއް ނޫން. އެކަމުގެ ސަބަބުން ރަށުގެ ތައުލީމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ. އަދި މުޖުތަމައުގައި ހަމަނުޖެހުން އުފެދުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެތީ އެކަންކަން އިތުރަށް ތަކުރާރު ނުވާނެ ގޮތަށް އިރަދަކުރެއްވިއްޔާ އަޅުގަނޑުމެންވެސް މަސައްކަތް ކުރާނަން، ފުލުހުންނާ ގުޅިގެން،" ސޮފާތު ވިދާޅުވިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ބާރަށުގައި ސައިކަލެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އަލިފާނުގެ ސަބަބުން، ސައިކަލު ޕާކުކޮށްފައި ހުރި ގެއަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައި ވާކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ