އަޅުގަނޑަކީ ގަދަވުމަށް އިންތިޚާބުތަކުގައި ވާދަކުރާ މީހެއް: ރައީސް ނަޝީދު

އެމްޑީޕީގެ ޕްރައިމަރީގައި ބައްޔެއް ނުވާނެ ކަމަށާއި އިންތިހާބުތަކުގައި އަބަދުވެސް ވާދަކުރައްވަނީ މޮޅުވާން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕްރައިމަރީން ބަލިވެވަޑައިގެންފިނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާނަންތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. ސީދާ ސުވާލުގެ ޖަވާބެއް އެމަނިކުފާނު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީން ބަލި ނުވާނެ ކަމަށެވެ. އެހެންކަމުން ސުވާލާ ގުޅޭގޮތުން ވިދާޅުވާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ. ހަމަލާއަށް ފަހު ފުރަތަމަ ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދު މިއަދު ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ރައީސް ސޯލިހަކަށް ޓިކެޓް ލިބޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އެމްޑީޕީން ލިބިވަޑައިގެންނެވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޓިކެޓް ކަމަށާއި އެ ޓިކެޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ އެވަގުތު އެމަނިކުފާނަށް ކުރިމަތިނުލެއްވޭނެ ހާލަތެއް އޮވުމުން ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ރައީސް ނަޝީދަށް ތާއީދު ކުރާ ބަޔަކު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެ ޕެޓިޝަނުގައި އެމަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ސޮއިކުރައްވާފައެވެ.ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގައެއް ނެތް ކަމަށާއި ރިޔާސީ ނިޒާމު ރައްޔިތުން ހޮވީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ