ސިވިލް ކޯޓުގެ ގާޒީ ޢަލީ ނަޞީރުގެ ސުލޫކީ މައްސަލަ ސާބިތުވުމުން ފިޔަވަޅެއްގެ ގޮތުގައި މެޖިސްޓްރޭޓްގެ މަޤާމަށް ދަށްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސިވިލް ކޯޓުގެ ދެ ގަޒިއްޔާއެއްގައި ހިމެނޭ ޚަސްމުން، އެ ދެ ގަޒިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި، ޢަލީ ނަޞީރު އެ ގަޒިއްޔާގެ ދަޢުވާ ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.
އަދި އެ ގަޒިއްޔާގެ މައުޟޫއަށް ޙުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް އޭނާގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤުޞަދުގައިކަން ތަޙުޤީޤުގައިވަނީ ސާބިތުވެފައި ކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ޖޭއެސްސީން ވަނީ ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަޤުޞަދުގައި މައްސަލައިގެ ޚަސްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ އަސާސީ އުޞޫލުތަކާ ޚިލާފުކަމެއް ކަމަށެވެ.
އަދި ފަނޑިޔާރުގޭގެ މުޤައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގައި ތަހުގީގުގެ ހޯދުންތަކަށް ރިއާޔަތްކޮށް ޢަލީ ނަޞީރަށް އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާ ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަޤާމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ގާޒީ ނަޞީރު އެގޮތަށް ޢަމަލުކުރެއްވުމުން ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަމްބަރާ ޚިލާފުވެފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ނިންމައިފައެވެ.
ސިވިލް ކޯޓުގެ ގާޒީ ނަޞީރު މެޖިސްޓްރޭޓަކަށް ބަދަލުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ