ހެޔޮ އަގެއްގައި ރައްޔިތުންނަށް ކަރަންޓު ފޯރު ކޮށްދިނުމަށް ރައީސް ޢަބްދުﷲ ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވާ: ހޯމް މިނިސްޓަރ

ހެޔޮ އަގެއްގައި ރައްޔިތުންނަށް ކަރަންޓު ފޯރު ކޮށްދިނުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯއިން ފެށި "އިންޖީނު ގެތަކުގެ އިސްވެރިންގެ މަހާސިންތާ" ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރަން ކަމާބެހޭ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އަސާސީ ޚިދުމަތްތައް ދޭ ފަރާތްތަކާމެދު ރައްޔިތުންގެ އުންމީދުތައް ހުރީ ވަރަށް މަތީގައި ކަމަށާއި ނަމަވެސް އެއާ އެއްވަރަށް ޚިދުމަތް ދޭން ބޭނުންވާ ވަޞީލަތްތައް އެކަށީގެންވާ ވަރަށް އިތުރުވެފައި ނެތް ކަމަށެވެ. އަދި އަސާސީ ޚިދުމަތްތައް ރައްޔިތުންގެ އަތްފޯރާފަށަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަޒްލީން ވިދާޅުވީ ރާއްޖޭގެ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބޭނީ ވައިން އުފައްދާ ހަކަތަ އާއި އަވިން އުފައްދާ ހަކަތާގެ ނިޒާމްތައް ޤާއިމް ކުރެވިގެން ކަމަށެވެ.
މި މަހާސިންތާގައި އެ ކުންފުނިން ކަރަންޓު ބަލަހައްޓާ ހުރިހާ ރަށެއްގެ އިންޖީނުގޭގެ ވެރިން ބައިވެރިވާ އިރު، އެ އިންޖީނުގެތަކުގައި ހުރި މައްސަލަތަކާއި ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ޚިދުމަތް ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ