ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވާނެ ކަމަށާއި ޖުމްހޫރީ ޕާޓީއަކީ އެންމެ ކާމިޔާބު ޕާޓީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ބައެއް ބޭފުޅުން ގުޅިވަޑައިގަތުމަށް ޖަރުމަންވިލާތުގެ ފްރެންކްފާޓްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ޖޫން މަހުގެ ފަހު ދިހައިގެ ތެރޭގައި އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެެވެ.
ކޮންގްރެސްގެ ތެރޭގައި ޕާޓީގެ އަސާސީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅުއްވާނެ ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އަސާސީ ގަވައިދަށް ގެނެވޭ ބަދަލާއެކު ޖޭޕީގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރާނެ ކަމަށެވެ.
"އެ ކޮންގްރެސްގައި އަޅުގަނޑުމެންގެ އަސާސީ ގަވައިދަށް ވަރަށް ބޮޑެތި އިސްލާހުތަކެއް އަންނާނެ. އާދެ އެ އިސްލާހުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ މިހާރު އޮތް ލީޑަޝިޕް ބަދަލުވެގެންދާ ގޮތްތަކެއް އަޅުގަނޑުމެން ތައާރަފްކުރާނަން. އަދި އަޅުގަނޑުމެންގެ ޕާޓީއަށް ރައީސްއެއްގެ މަގާމު އަޅުގަނޑުމެން ތައާރަފްކުރަން އަޅުގަނޑު ގަސްދުކޮށްފައިވާ ވާހަކަވެސް ދަންނަވާލަން. ހަމައެއާ އެކީގައި އެކަންކަމަށް އެ މަގާމުތަކަށް ކުރިމަތިލާން ފުރުސަތުވެސް ބޭބޭފުޅުންނަށް ހުޅުވާލުމުގެ ދީގެން ކުރިއަށް ގެންދާނީ. ޑިމޮކްރެޓިކް ހަމަތަކާ އުސޫލުތަކާ އިންތަކާ މިންތަކުގެ ތެރެއިން ކަން އަޅުގަނޑު ވަރަށް ސާފުކޮށް ހުރިހާ ބޭފުޅުންނަށް ދަންނަވާލަން،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީތަކުގެ މަސައްކަތްތަކަކީ އަބަދު އެއްގޮތަކަށް އޮންނަންޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ. އެެހެންކަމުން ޖުމްހޫރީ ޕާޓީއަށް ވެސް ބަދަލުތައް ގެންނަނީ ކުރިމަގު ހޯދުމަށާއި ކާމިޔާބު ހޯދުމަށް ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ހުރިހާ ދާއިރާތަކަކުންވެސް ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ހޯދައިދިނުމަށް އަބަަދުވެސް ދަތުރުކުރާނީ އިރުއަރާ ކޮޅަށް ކަމަށާއި އިރުއޮއްސޭ ކޮޅަށް ނޫން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި މިވަގުތުވެސް އޮތް އެންމެ ކާމިޔާބު ސިޔާސީ ޕާޓީ ކަމަށެވެ. ޖުމްހޫރީ ޕާޓީން 2008 އަދި 2013 ވަނަ އަހަރުގެ އިންތިހާބާ ކުރިމަތިލިއިރު ތިއްބެވި އިލްމީ ބޭފުޅުންނާ ތަޖުރިބާ ހުރި ބޭފުޅުންނަށް ބަލާއިރު މިއަދު އެފަދަ ބޭފުޅުން ޖުމްހޫރީ ޕާޓީގެ އެތައްހާސް އަދަދެއް އިތުރު ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މިހާ ކައިވެރިވެފައި ވަނިކޮށް ޖޭޕީއާ ގުޅިވަޑައިގަންނަވާ އިލްމީ ބޭފުޅުންނާއި ތަޖުރިބާ ހުރި ބޭފުޅުންގެ އަދަދު އިތުރުވެފައިވުމަކީ އެމަނިކުފާނު ވަރަށް އުފާކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ރައްޔިތުން ޖުމްހޫރީ ޕާޓީ ބަލައިގެންފައި ނުވާ ދުވަސްވަރެއް ނެތް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާ ނުލައި ރިޔާސީ އިންތިހާބުކޮށް ވެރިކަން ހޯދުނު އެއްވެސް ޕާޓީއެއް ނެތް ކަމަށް ފެންނަން އޮތުމަކީ ޖުމްހޫރީ ޕާޓީ އެންމެ ކާމިޔާބު ޕާޓީ ކަމަށް ގަބޫލުކުރާ ސަބަބެއް ކަމަށެވެ. ކިތަންމެ ކާމިޔާބު ޕާޓީއެއް ނަމަވެސް ބައެއް މީހުން ހިތްހަމަނުޖެހޭ ކަންކަން ހުންނާނެ ކަމަށާއި ނަމަވެސް ކާމިޔާބު ހޯދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް އެމަނިކުފާނު ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމެއް އިއްވާފައިވީ ނަމަވެސް އެހުކުމަކީ ނިހާއީ ހުކުމަކަށް ނުވާތީއާއި އެ ހުކުމާ ގުޅިގެން ހައިކޯޓާއި ސުޕްރީމް ކޯޓުން މިހާތަނަށްވެސް ގޮތެއް ނިންމާފައި ނުވާތީ އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ނޫން ކަމަށް ނުބުނެވޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށް ގާނޫނުއަސާސީއާ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުން އެމަނިކުފާނު ވަކިކޮށް ހައްގުތަކަށް އަރައިނުގަނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ގައުމަށް އިސްލާހީ ބަދަލުތައް ގެނައުމަށް އެމަސައްކަތުގައި ސާބިތުވެ ހުންނާނެ ކަމަށެވެ. އަދި އެމަނިކުފާނު މިވަގުތު ގައުމުން ބޭރުގައި ހުންނެވި ނަމަވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރައްވައިގެން ޖޭޕީގެ މެންބަރުންގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން ހިތްވަރު ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ މިފަހަރު މިއީ ޖުމްހޫރީ ޕާޓީގެ ފަހަރު ކަމަށާއި އިންތިހާބު ކާމިޔާބު ކުރާނީ 70 އިންސައްތަ ވޯޓާ އެކު ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނީ ޖުމްހޫރީ ޕާޓީގެ ހުރިހާ ބޭފުޅުންވެސް ހިތްވަރާ ޖޯޝާއެކީގައި އަދި އިސްލާހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް އެނބުރި ވަޑައިގަންނަވާށޭ، ސާބިތުވެވަޑައިގަންނަވާށޭ. އަޅުގަނޑުމެން މި އިންތިހާބު އަޅުގަނޑުމެން ޖެހޭ ޕާޓީއަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޖެހޭ ސައިޑަކުން އަޅުގަނޑުމެން 70 ޕަސަންޓް ވޯޓާއެކީގައޭ އެޓްލީސްޓް [އިންތިހާބު] ކާމިޔާބުކުރާނަން،" ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމްގެ ވާހަކަފުޅުގައި ވަނީ މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕަސަން އަލީ ވަހީދަށާއި މިރޭ ޖޭޕީއާ ގުޅުނު އިތުރު ހަ ބޭފުޅަކަށްވެސް މަރުހަބާ ދަންނަވާފަ އެވެ. އަލީ ވަހީދު ޖޭޕީއާ ގުޅިވަޑައިގަތުމަކީ ރަހްމަތުގެ ވިލާ ގަނޑެއް ލިބުން ފަދަ ކަމެއްގެ ގޮތުގައި ގާސިމް ވަނީ ސިފަކުރައްވާފަ އެވެ.
ޖޭޕީއާ މިރޭ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ ތިން ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ. މީގެތެރޭގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) ވެސް ހިމެނެ އެވެ. މީގެ އިތުުރުން އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ ހަނީފާ ހާލިދުވެސް މިރޭ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
ޖޭޕީއަކީ އެންމެ ކާމިޔާބު ޕާޓީ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ