ރައްޔިތުން ތަރައްގީއަށް އެދި ގޮވަނީ ވަކި ބައެއްގެ ޖީބު ބޮޑުކުރާކަށް ނޫން: ފައިސަލް

ރައްޔިތުން ތަރައްގީއަށް އެދި ގޮވަނީ ވަކި ބައެއްގެ ޖީބު ބޮޑުކުރާކަށް ނޫން ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބ.އަތޮޅު ކެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ފައިސަލް ވިދާޅުވީ ކޮންމެ އަހަރަކު ސަރުކާރުން އެކުލަވާލާ ބަޖެޓަކީ ވަރަށް އިންސާފުވެރިކަމާ އެކު އެކުލަވާލަންޖެހޭ އެއްޗެއް ކަމަށެވެ.
އެއީ ސިޔާސީ ބޭނުމަކަށް ހަދަންޖެހޭ އެއްޗެއް ނޫންކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ބަޖެޓުގައި އެއް މަޝްރޫއެއް ފަސް އަހަރު ވަންދެން ޖަހައި މަޝްރޫއު ނުހިނގުމަކީ ރައްޔިތުންގެ ޝަކުވާއެއް ކަމަށެވެ.
އިއްތިހާދުން އޯގާތެރި ސަރުކާރެއް ގެންނަނީ ރައްޔިތުން ބޭނުންވާ ގޮތަށް އިސްރާފެއް ނެތި އެމީހުންގެ ޚިޔާލާއި މަޝްވަރާއާ އެކު ކަންތައްތައް ކުރުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރާއްޖެއަށް ބިރުވެރި ނާމާން ދުވަސްތަކެއް އައީ ރައްޔިތުންގެ މަޝްވަރާ ނެތި ކަންތައްތައް ކުރުމުން ކަމަށެވެ. ރައްޔިތުން ތަރައްގީއަށް އެދި ގޮވަނީ ވަކި ބައެއްގެ ޖީބު ބޮޑު ކުރާކަށް ނޫން ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ކުންފުނިތަކަށް ހައްޖު ކޯޓާތައް ދިނުމުގެ އުސޫލަށް ބަލާލުމުންވެސް އިސްލާމިކް މިނިސްޓްރީ ތެރެއަށް ކޮރަޕްޝަން ވަދެފައިވާ މިންވަރު ހާމަވެގެންދާ ކަމަށެވެ.
ފައިސަލް ވިދާޅުވީ ރައްޔިތުންގެ މޫނުމަތިން ފެނިގެންދަނީ އެރައްޔިތުން ހެޔޮ ބަދަލަކަށް ބޭނުންވެފައި ތިބި މަންޒަރު ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި ކެންދޫގައި ނަރުދަމާ ނިޒާމް ގާއިމް ކޮށްދެއްވާނެ ކަމަށް ފައިސަލް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ކެންދޫ ސްކޫލަށް ދިމާވެފައިވާ ކްލާސްރޫމްގެ ދަތިކަން އަންނަ އަހަރު ހައްލުކޮށްދެއްވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ފަހަތަށް ނުބަލާ މިހާރު ނިކުންނަންޖެހޭ ކަމަށެވެ. އަދި ގެއްލިގެންދާ ހައްގުތައް ކަށަވަރުކޮށްދީ ގެއްލޭ ވަޒީފާތައް ޔަގީން ކޮށްދެވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިގައުމުގެ ހުރިހާ އާއިލާތަކަށް އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ