އިންޑިއާގެ އަޔޯދިޔާގައި ހުރި މުސްލިމުންގެ 16 ވަނަ ގަރުނުގެ ބޮޑު މިސްކިތް ހަރުކަށި ހިންދޫންގެ ބަޔަކު 1992 ވަނަ އަހަރު ތަޅައި ބިމާހަމަކޮށްލި މައްސަލާގައި، މިހާރުގެ ވެރިކަންކުރާ ބާރަތިއްޔަ ޖަނާތާ ޕާޓީ، ބީޖޭޕީގެ އިސް 3 ލީޑަރެއްގެ މައްޗަށް ޖިނާއީ ޝަރީއަތް ހިންގުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ބާބްރީ މިސްކިތް ތަޅައި ސުންނާފަތި ކޮށްލި މައްސަލާގައި ޖިނާއީ ޝަރީއަތް ހިންގުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކުރި ބީޖޭޕީގެ ތިން ލީޑަރުންނަކީ ކުރީގެ ބޮޑުވަޒީރުގެ ނާއިބް އެލް.ކޭ އަދުވާނީއާއި، މިހާރުގެ ސަރުކާރުގެ ވޯޓަރ ރިސޯސަސް މިނިސްޓަރ އުމާ ބާރތީއާއި، ބީޖޭޕީގެ އިސް ލީޑަރެއް ކަމަށްވާ އެމް.އެމް ޖޯޝީއެވެ.
ސްޕްރީމް ކޯޓުގެ އަމުރު މިގޮތަށް އައީ، އަދުވާނީއާއި، އުމާ އަދި ޖޯޝީއާ ދެކޮޅަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން އުފުލި ދައުވާތައް އިންޑިއާގެ ދަށު ކޯޓަކުން ބާތިލްކުރުމާއި ގުޅިގެން، ސީބީއައިގެ އިތުރުން އެތައް ފަރާތަކުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.
ބާބްރީ މިސްކިތް ތަޅައި ސުންނާފަތި ކޮށްލުމާއި ގުޅިގެން ހިނގި ހާދިސާތަކަކީ އިންޑިއާގެ ތާރީޚްގައިވެސް މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގައިދިޔަ އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. މިކުރިމަތިލުންތަކުގައި އެތައްހާސް ބަޔަކު މަރާލެވުނެވެ.
ބާބްރީ މިސްކިތް ތަޅާލުމާއި، އެކަމާއިގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ މިހާރު ވެރިކަމުގައި އޮތް ބީޖޭޕީއެވެ.
ހިންދޫން ގަބޫލުކުރާގޮތުގައި، ބާބްރީ މިސްކިތް ބިނާކޮށްފައިވަނީ ހިންދޫންގެ ފައްޅިއެއް ހުރި ތަނެއްގައެވެ. އަދި އެ ތަނަކީ ހިންދޫންގެ ރާމް ކަލާނގެ އުފަންވި ތަން ކަމަށްވެސް އެމީހުން ގަބޫލު ކުރެއެވެ.
1992 ވަނަ އަހަރު ހަރުކަށި ހިންދޫން މިސްކިތް ސުންނާފަތި ކޮށްލި ހާދިސާގައި ބީޖޭޕީގެ އިސް ތިން ވެރިޔަކާ ދެކޮޅަށް ޝަރީއަތް ކުރުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކުރި އިރު، ބާބްރީ މިސްކިތް ހުރި އަޔޯދިޔާ ނިސްބަތްވާ އުއްތަރް ޕްރަދޭޝްގެ ވެރިކަމަށް އިހަށްދުވަހު އައިސްފައިވަނީވެސް ބީޖޭޕީއެވެ. އަދި އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރަކަށް ވަޑައިގެންފައިވަނީ ވެސް މުސްލިމުން ދެކެ ރުޅިއަންނަ ހަރުކަށި ހިންދޫ ހާމުދުރެކެވެ.
އުއްތަރް ޕްރަދޭޝްގެ ސަރުކާރުން މިހާރު ބޭނުންވަނީ ބާބްރީ މިސްކިތް ހުރި ބިމުގައި ރާމްގެ ނަމުގައި ފައްޅިއެއް ބިނާކުރާށެވެ. އެކަމުގެ ކަންބޮޑުވުން މުސްލިމުންގެ ތެރޭގައި އުފެދިފައިވެސް ވެއެވެ.
އިންޑިއާގެ މީޑިއާއިން ބުނާގޮތުގައި، ބާބްރީ މިސްކިތް ސުންނާފަތި ކޮށްލި މައްސަލާގައި ޝަރީއަތް ކުރުމަށް ސްޕްރީމް ކޯޓުން އަމުރުކުރެއްވި ބީޖޭޕީގެ 3 ލީޑަރުންގެ ތެރޭގައި އެލް.ކޭ އަދުވާނީ ހިމެނުމުން، އިންޑިއާގެ ރައީސްކަމަށް ވަޑައިގަތުމަށް އޭނާއަށް އޮތް ފުރުސަތު ހަނިވެގެންދިޔައީ ކަމަށެވެ. އިންޑިއާގެ ރައީސްގެ މަގާމު މިއަހަރުގެ ފަހުކޮޅު ހުސްވެ އެމަގާމަށް އާ ބޭފުޅަކު އައްޔަން ކުރެވޭނެއެވެ.
ހަރުކަށި ހިންދޫން އަތުޖެހުނު އެއްޗެއް ހިފައިގެން ގޮސް ބާބްރީ މިސްކިތް ތަޅައި ސުންނާފަތި ކޮށްލިދުވަހު އެލް.ކޭ އަދުވާނީ އެތަނުގައި ހުންނެވި ކަމަށް ވެއެވެ. މިސްކިތް ތަޅާޅުމުން މުޅި އިންޑިއާއަށް މުޒާހަރާތައް ފެތުރި އެތައްހާސް ބަޔަކު މަރުވެދިއުމުން އަދުވާނީގެ ސިޔާސީ ހަޔާތަށް އެކަމުގެ ހިޔަނި އެޅިފައި ވެއެވެ.
އެކަމަކު، ބީބީސީއަށް ފަހުން ދެއްވި އިންޓަރވިއުއެއްގައި އަދުވާނީ ވިދާޅުވެފައިވަނީ، މިސްކިތް ތަޅާލި ހާދިސާގެ ސަބަބުން އޭނާއަށް ވަރަށްބޮޑު "ހިތްދަތިކަމެއް" ގެނުވި ކަމަށާއި އެއީ ހިނގައިގެންވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދުވާނީ، އުމާ އަދި ޖޯޝީއާ ދެކޮޅަށް ޝަރީއަތް ހިންގަން ސްޕްރީމް ކޯޓުން އަމުރުކުރި މައްސަލާގައި ވެރިކަން ކުރާ ބީޖޭޕީގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެހެން ނަމަވެސް، އެންމެބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސްއިން ބުނެފައިވަނީ، އެތިން ބޭފުޅުންނާ ދެކޮޅަށް އުފުލިފައިވާ ދައުވާތައް ބާތިލް ކުރެވޭތޯ، ބީޖޭޕީން "ފޮތުގައި ލިޔެފައިވާ ހުރިހާ ޓްރިކެއްގެ ބޭނުން ހިފި" ކަމަށެވެ.
އަދުވާނީ، އުމާ އަދި ޖޯޝީގެ އިތުރުން، ބާބްރީ މިސްކިތުގެ މައްސަލާގައި ބީޖޭޕީގެ އިސް ލީޑަރެއް ކަމަށްވާ ކަލްޔާން ސިންގްއާ ދެކޮޅަށްވެސް ޖިނާއީ ޝަރީއަތް ކުރުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފައި ވެއެވެ. ނަމަވެސް ކަލްޔާން ސިންގަކީ މިހާރު ރާޖަސްތާނުގެ ގަވަރްނަރުކަމުން، މަގާމުގެ މުއްދަތުގައި އެނާއާ ދެކޮޅަށް ޝަރީއަތް ނުކުރެވޭތީ މަގާމުގެ މުއްދަތު ހަމަވަންދެން ކަލްޔާންގެ ޝަރީއަތް ފަސްކުރުމަށްވެސް އަމުރުގައި ވެއެވެ.
ބީ.ޖޭ.ޕީ 3 ލީޑަރެއްގެ މައްޗަށް ޝަރީއަތްކުރަން ސްޕްރީމް ކޯޓުން އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ