މަހެއް ނުވާ ކުއްޖާގެ ނަތީޖާ ޔަގީން ކުރަން ތިން ވަނަ ޓެސްޓެއް ކުރަނީ

ވިހޭތާ މަހެއް ނުވާ ކުއްޖާއަށް ކޯވިޑް-19 ޖެހިފައިވޭތޯ ޔަގީން ކުރުމަށް ތިން ވަނަ ޓެސްޓެއް ހަދަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ތިން ވަނަ ފަހަރު ޓެސްޓޫ ކުރަން ނިންމީ ފުރަތަމަ ޓެސްޓުގެ ނަތީޖާ ޕޮސިޓިވްވުމަށް ފަހު ދެވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ވަކި ގޮތެއް ޔަގީން ކުރުމަށެވެ. އެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކުއްޖާ ވައިރަހަށް ޓެސްޓު ކުރަން ނިންމީ ޕޮސިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވެފައިވާތީ އެވެ. އަދި އެ ކުއްޖާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަ ކަމަށް ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވި އެވެ.
އެ ކުއްޖާ ޕޮސިޓިވްވިޔަސް ކުއްޖާގެ މަންމަ އާއި ބައްޕަ ވައިރަހަށް ނެގެޓިވް އެވެ.
އުމުރުން އެންމެ20 ދުވަހުގެ އެ ކުއްޖާ ވައިރަހަށް ޕޮސިޓިވްވެފައިވާކަން ހާމަ ކުރީ މިމަހުގެ16 ވަނަ ދުވަހު އެވެ. އެ ކުއްޖާއަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި ބާއްވައިގެންނެވެ. އެއީ އަދި ނަތީޖާ ޔަގީން ނުކުރެވޭތީ އެވެ.
މިހާތަނަށް ރާއްޖެއިން30 އަށްވުރެ ގިނަ ކުޑަކުދިން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން މިހާތަނށް ހަ ކުއްޖަކު ވަނީ ރަނގަޅުވެފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ