ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މި ބޭފުޅުން ކުރިމަތިލެއްވީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ނިންމާ، އަލަށް އައްޔަންކުރާ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ދެ އަންހެން ބޭފުޅެއްގެ ނަން ކަނޑައެޅުއްވުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް އެދިވަޑައިގެންފަ އެވެ.
ޖޭއެސްސީން ހުކުރު ދުވަހު ކުރި އިއުލާނާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ހައިކޯޓުގެ ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގެ މުދައްރިސްކަމާއި، މަދަނީކޯޓުގެ ގާޒީކަން ހިމެނެ އެވެ. އަބްދުﷲ ހަމީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އިސްކުރެއްވީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.
ފަނޑިޔާރު އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓަރީކަމާއި، މަދަނީ ކޯޓުގެ ސީނިއަ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓުގެ އިސް ގާޒީ ކަމާއި، ސިވިލްކޯޓުގެ އިސް ގާޒީ ކަން ހިމެނެ އެވެ. އަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.
ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއަކީ ގަތަރުގެ ގަތަރު ޔުނިވަސިޓީން ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ހާސިލްކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރު ކަމާއި، ޚާއްސަ ގާޒީ ކަމާއި، އާއިލާއާ ބެހޭ ކޯޓުގެ ގާޒީކަމާއި، މަދަނީ ކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީ ކަން ހިމެނެ އެވެ. ޝުއައިބް ހުސައިން ޒަކަރިއްޔާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމުން މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާޗް 26 ވަނަ ދުވަހު އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެ އެވެ. މުހައްމަދު ނިޔާޒު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ޝަރުތަކީ ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލް ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވުމެވެ.
ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ