ޕީޕީއެމްގެ ރައީސް މައުމޫނާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމްގެ ހުއްދަނެތި، އެ ޕާޓީގެ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުން ހުއްޓުވާފައިވާތީ، ރައީސް މައުމޫންގެ އެ އެންގެވުމަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ޕީޕީއެމް އިން އެކަން ކަށަވަރުކޮށްދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަޙޫމަދު ޝިޔާމް އެ މައްސަލަ ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް އެ ޕާޓީގެ ގުނަވަންތައް ހުއްޓުވާފައި ބާއްވާތީ، އެކަމަށް ނިމުމެއް ގެނައުމަށެވެ.
އެހެންނަމަވެސް، އެ މައްސަލަ ހުށަހެޅި ފަހުން ރައީސް މައުމޫން ވަނީ ކޮމެޓީތައް ބޭއްވުމުގެ ހުއްދަ މިދިޔަ ހަފްތާގައި ދެއްވާފައެވެ. އެކަމާ ވިދިގެން، އެ މައްސަލަ ކޯޓުން ނަގާފައިވާ ކަމުގެ އަޑުތަކެއްވެސް ފެތުރިގެން ދިޔައެވެ.
އެގޮތަށް އަޑުފެތުރިފައި ވަނިކޮށް، ކޯޓުން މިދިޔަ ހަފްތާގައި ޕީޕީއެމް މިއަދު ކޯޓަށް ހާޒިރުވުމަށް އެންގެވުމާއެކު، އެ މައްސަލަ ނިމިފައިނުވާކަން ވަނީ އެނގިފައެވެ. އަދި، ޕީޕީއެމް އަށް ކޯޓުން ފޮނުވި ޗިޓަށް ބަލާއިރު، އާންމު އުސޫލުން މި މައްސަލަވެސް، ސީދާ ޝަރީޢަތަށް ފޮނުވުމުގެ ކުރިން، މިއަދު ބެލުމަށް ހަމަޖެހިފައިވަނީ ސިވިލް ކޯޓްގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޔުނިޓުން ކަމަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް، މިއަދުގެ އެ ޔުނިޓްގައި ބޭއްވި ބައްދަލުވުމުގައި، ދެފަރާތުން އެއްބަސްވުމަކަށް އާދެވުނުކަން ނުވަތަ އަދި ނޫންކަން އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ