މަރުގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރަން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

މަރުގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރަން އިއްޔެ ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ރޭ ބާތިލްކޮށްފިއެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވިދާޅުވެފައި ވަނީ "ގަސްދުގައި މީހަކު މެރުމުގެ ކުށް ތަޙްޤީޤު ކުރުމުގަ އާއި އެކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލު ކުރަންވީ ގޮތުގެ ޤަވާއިދު" އާއި އެއްގޮތްވާ ގޮތުގެ މަތީން ސުޕޫމް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ނިންމާފައި ވާތީ އެޤަވައިދުގެ ދުސްތީރީ ހައިސިއްޔަތާއި މެދު އެއްވެސް ކޯޓެއްގައި ޤާނޫނީ ގޮތުން ޗެލެންޖް ކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.
ސުޕްރީމް ކޯޠުގައި އަމުރުގައި އިތުރަށް ވިދާޅުވެފައި ވަނީ "މަރުގެ އަދަބު ތަންފީޒު ކުރުމާއި ބެހޭ ޤަވައިދުގެ ދުސްތީރީ ހައިސިއްޔަތާއި މެދު ޗެލެންޖްކޮށް ހައިކޯޓަށް ހުށަހެޅުނު މައްސަލަ އެކޯޓުން ބަލައިގަނެ އެމައްސަލަ ބެލުމަށާއި އަދި އެޤަވައިދުގެ ބައެއް ތަންފީޒު ކުރުން ވަގުތީ ގޮތުން ހުއްޓުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ވާނެ ކަމަށް" ބަޔާން ކުރުމަށް ފަހު ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި "ޤާނޫނޫ އަސާސީއާއި ޤާނޫނު މާނަކުރުމުގައި އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެއްމެފަހުގެ ނިންމުމެވެ." މިފަދައިން ސާފުކޮށް ބުނެފައިވާ ޤާނޫނު އަސާސީގެ ސަރީހަ ނައްސުތަކާ ކަނޑައެޅިގެން ޚިލާފުކަމަކަށް ވާތީ ބުނެވިދިޔަ ޤަވައިދު (ނަމްބަރ) ގެ ދުސްތޫރީ ހައިސިއްޔަތު ޗެލެންޖުކޮށް ހައިކޯޓަށް ހުށަހެޅުނު މައްސަލަ އެކޯޓުން ބަލައިގަތުމަކީ ޤާނޫނޫ އަސާސީ އާއި ހިލާފު އަމަލެއް" ކަމަށެވެ.
އަދި އެމައްސަލަ އާއި ގުޅިގެން ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަނީ އޭގެ ޒާތުގައި ވެސް ބާޠިލް ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއްކަމަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކޮށް އެކަން ހައިކޯޓަށާއި އަދި ކަމާބެހޭ އެއްމެހައި ފަރާތްތަކަކަށް އަންގައި އަމުރު ކުރާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ