ވަކީލުން ސިޔާސީ ވަކި ވިސްނުމެއްގައި މަސައްކަތް ކުރުމުން ޤާނޫނީ ދާއިރާގެ ކުރިއެރުމަށް ހުރަސްއެޅޭ: އޭޖީ

ވަކީލުން ސިޔާސީ ވަކި ވިސްނުންތަކުގައި މަސައްކަތް ކުރުމުން ޤާނޫނީ ދާއިރާގެ ކުރިއެރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ރޭ ވަކީލުން ހުވާކުރުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަނިލް ވަނީ، ސިޔާސީ ގޮތުން ރާއްޖެއަށް އަންނަން ފެށި ބަދަލުތަކާ އެކު ވަކީލުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން އަމިއްލަ އެޖެންޑާ ކުރިއަށް ނެރުއްވައި ސިޔާސީ ފިކުރުތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
އަނިލް ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން ވަކީލުންގެ ފަންނު ކުރިއެއް ނާރާނެ ކަމަށާއި، ސިޔާސީ ވަކި ފިކުރެއްގައި އެ މަސައްކަތް ކުރަމުންދާނަމަ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު އެންމެ އެކަށީގެންވާ ގޮތުގައި އެފަދަ ފަރާތްތަކަށް ނުލިބޭނެ ކަމަށެވެ.
"ބައެއް ބޭފުޅުން އަމިއްލަ އެޖެންޑާ އެބަ ކުރިއަށް ނެރުއްވާ. ގާނޫނީ ވަކީލުން ކަމަށް ވިދާޅުވެ، ސިޔާސީ ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އެ ބޭފުޅުންގެ ސިޔާސީ ފިކުރާ އެކު ގާނޫނީ ވަކީލުންގެ ފަންނު ކުރިއެއް ނާރާނެ،" އަނިލް ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ ރާއްޖޭގައި 1100 އެއްހައި ވަކީލުން ތިބިއިރު، ޤާނޫނީ ދާއިރާއަށް ބޭނުންވާ މިންވަރަށް ވަކީލުންގެ އެހީތެރިކަން ލިބެމުން ނުދާކަމަށާއި، އެގޮތަށް އެކަން ވާންޖެހެނީ ވަކީލުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި ސުލޫކު ނެތުމުން ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި އަނިލް އިތުރަށް ވިދާޅުވީ ޤާނޫނީ ލަފާ ދިނުމާއި ޤާނޫނުތައް ޑްރާފްޓް ކުރުން ފަދަ ކަންކަމަކީ ވެސް ވަކީލުންނަށް ކުރެވޭނެ މަސައްކަތްތައް ކަމަށެވެ. ހަމަ އެހެންމެ ގާނޫނީ ދާއިރާއާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެ ބިލް ގާނޫނަކަށް ބަދަލުވުމުން ވަކީލުންގެ ހައްގުތައް ވެސް ހިމާޔަތް ކުރެވޭނެ ކަމަށް އަނިލް ވިދާޅުވި އެވެ.
ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވި އެ ރަސްމިއްޔާތުގައި 134 ފަރާތަކުން ވަކީލުކަމުގެ ހުވާކުރައްވާފައިވެއެވެ. މިއީ ވަކީލުކަމުގެ ހުއްދަ ދިނުން ސުޕްރީމް ކޯޓުގެ ދަށަށް މިދިޔަ އަހަރު ބަދަލުކުރި ފަހުން ވަކީލުކަމުގެ ހުއްދަދިން ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ