ހޯމް މިނިސްޓަރު އުމަރު ވެސް ހިތާމަފާޅުކުރައްވައިފި

ހުކުރު ދުވަހާއި ހޮނިހިރު ވިލޭރޭ މާލޭގައި ވަކިވަކިން ހިންގި ދެ މާރާމާރީގައި އުމުރުން 14 އަހަރުގެ ދެ ކުއްޖަކު ނިޔާވުމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އެކަމާ ހިތާމަފާޅުކުރައްވައިފިއެވެ.
މާލޭގައި ހިންގި ދެ މާރާމާރީއާ ގުޅޭގޮތުން، މިނިސްޓަރު އުމަރު ހޮނިހިރުވިލޭރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ހިނގައި މިދިޔަ ކަންތައްތަކުގެ ސަބަބުން ދެރަވެވަޑައިގެންފި ކަމަށެވެ.
އާންމުގޮތެއްގައި ބަސްމަގު ހަރުކޮށް ބަހައްޓަވާ އުމަރު، މިމޭރުމުން ޓްވީޓް ކުރެއްވީ މާރާމާރީގައި ދެ ކުއްޖަކު ނިޔާވުމުން ކަމެއް ނުވަތަ އެ ދެ ކުދިން ނިޔާވުމުން، މާލެތެރޭގެ އަމަންއަމާންކަން ބެލެހެއްޓުމުގައި ހޯމް މިނިސްޓްރީން ފުރިހަމަ ޒިންމާ އަދާކުރެވޭ މިންވަރާ މެދު އާންމުން ނުރުހުން ފާޅުކުރަމުން ގެންދާތީ ކަމެއް އެނގިފައެއް ނުވެއެވެ.
އެހެންނަމަވެސް، ކުޑަކުދިން ކުރާ ކުށްތަކާމެދު ފިޔަވަޅުއެޅުމުގައި ސާބިތުވެ ހުންނަވާނެކަމަށްވެސް އުމަރުގެ ޓްވީޓްގައި ވިދާޅުވެފައިވާތީ، އޭނާގެ އެ އިޝާރާތަކީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ޤައުމުގެ އަމަންއަމާންކަމުގެ މައްޗަށް އާންމުންނަށް ދިން ޔަޤީންކަމެއް ކަމަށް ބެލެވެއެވެ.
ތޮއްޖެހިފައިވާ މި މާލޭގައި އިޖުތިމާއީ މައްސަލަތައް ޒަމާނުއްސުރެ އިންތިހާއަށް ގިނަވެފައިވާއިރު އެކަމަށް އޮތް ހައްލަކީ ކުށްވެރިން ފަހަތުން ދުވުންކަމަށް ބައެއް ފަރާތްތަކުން ވަކާލާތުކޮށް ބައެއް މީހުންގެ ފައިގައި ޓެގް އަޅުވައި، އަނެއް ބަޔަކު ލާނެ ޖަލު އިމާރާތްކޮށް، ރާއްޖޭގެ އުތުރާއި ދެކުނުގައި ފުލުސް ސްޓޭޝަންތައް ހުޅުވުމުގެ މަސައްކަތް ނުހަނު ބާރުމިނުގައި ކުރިޔަށް ގެންދާއިރު، ރާއްޖޭގައި ގޭންގުތައް އުފެދި އެ ފަރާތްތަކުގެ ބާރާއި ނުފޫޒު ދައުލަތުގެ މައްޗަށް ގަދަވަމުންދާ ސަބަބާއި، ކުށުގެ ވެއްޓަށް ކުދިން ނުހަނު ޅައުމުރުގައި ވަންނަމުންދާ ސަބަބުތައް ބަލާހޯދުމަށް ދިރާސާކުރާ ތަން ނުފެންނަކަމަށް އަނެއްބަޔަކު ބުނެއެވެ.
ކަންކަން ހޮނޑިވުމުން، ކުއްލިޔަކަށް ނުކުމެ ވިއްސަކަށް މީހުން ހައްޔަރުކޮށްގެން ހޯދާ ވަގުތީ ހައްލަކަށްވުރެ، ޒުވާނުން ހަމަމަގަށް ގެނައުމަށް ކުރާ ހޭދަ ބޮޑުކުރަންޖެހޭ ކަމަށް އެފަދަ ފަރާތްތަކުން އެކިއެކި ފޯރަމްތަކުގައި ހިޔާލުފާޅުކުރެއެވެ.
ހައްލަކީ ޖެހުނު މީހެއްގެ ފައިގައި ޓެގް އެޅުވުމެއް ނޫނެވެ. ފަހަތުން ދުވުމެއްނޫނެވެ. ހައްލަކީ ތައުލީމާއި ތަމްރީނާއި ވަޒީފާގެ ފުރުޞަތުތަކުގެ ތެރެއިން ޒުވާނުންނަށް ތިޔާގި މުޖުތަމަޢުއަކަށް މަގުކޮށައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ